ބޮޑުފޮޅުދޫގައި ފަންސާސް ހައުސިންގް ޔުނިޓްގެ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، އަހަރުގެ ކުރީކޮޅު މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ އއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަށުގެ ގެދޮރުގެ ދަތިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢު ނިމުމުން ގެދޮރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ.

ސްކޫލްގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ "ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ" ކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރެއްވުމުގެ ގޮތުން، ބޮޑުފޮޅުދޫގައި ހޭންޑްބޯލް ދަނޑެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި، ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެއިތުރުން، ރަށުގައި ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާ ހަވާލުކުރުމުގެ ކަންކަން ނިންމަވައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޮޑުފޮޅުދޫގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންގޮސް، އޭގެ މަންފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ