މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިނގާލުމުގައި ޖުމްލަ ހަތަރު ސަރަހައްދެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތީގައާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅީގައާއި، މަޖީދީމަގު/މިލިޔަން ބުކްޝޮޕް ކުރިމަތީގައާއި، އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތީގައި ލަޝްކަރު ހުއްޓުމަށްފަހު މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ ކަމަށް ޤައުމީ ދިފާޢީ ބާރުން މަޢުލޫމާތު ދެއްވިއެވެ.
ޤައުމީ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ މުހިންމު އެއް ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނުގައެވެ.
ޝަރަފުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި ހިނގާލުމަކީ ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހާ ދިމާކޮށް ބޭއްވޭ ޚާއްޞަ ހަރަކާތެކެވެ.