ޚާއްސަ ހާލަތެއް ނެތި، ސްކޫލު ދެން ބަދަލުކުރެވޭނީ ދިރާސީ އަހަރެއްގައި 2 ފަހަރު

ތަޢުލީމީ ވުޒާރާއިން މިއަދު އިޢުލާނުކުރި ގޮތުގައި، ޚާއްސަ ހާލަތެއް މެދުވެރިނުވާނަމަ، ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރެވޭނީ ދިރާސީ އަހަރެއްގެ ތެރޭގައި ދެ ފަހަރުއެވެ.

ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މި އައު އުސޫލުގެ ދަށުން، ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލު ބަދަލުކުރަން ބޭނުންވާނަމަ، ދެވަނަ ޓަރމު ނިމުމުގެ އެއް މަސް ދުވަސް ކުރިން އެކަން ހުށަހަޅަންޖެހޭނެއެވެ. އަދި ދެވަނަ ޓަރމަށް ބަދަލުވާން ބޭނުންވާނަމަ، ފުރަތަމަ ޓަރމު ނިމުމުގެ އެއް މަސް ދުވަސް ކުރިން ހުށަހަޅަންޖެހޭނެއެވެ.

"ދަރިވަރުން އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ބަދަލުކުރުމުގައި ނިޒާމީ ގޮތެއްގައި ގެންގުޅެންޖެހޭ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރުވެސް ދިރާސީ އަހަރުގެ ތެރޭގައި ކުދިން ކޮންމެ ކޮންމެ ވަގުތަކު ބަދަލުނުކުރެވޭ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ބަދަލު ގެނެވިފައިވަނީ ދަރިވަރުންގެ އުނގެނުމަށާއި، ސްކޫލު ބަދަލުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ވީހާވެސް ކުޑަކުރުމަށް ކަމަށް ވުޒާރާއިން ބުނެއެވެ. ނަމަވެސް، ޚާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހާލަތެއް ބެލުމަށްފަހު ސްކޫލު ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، އަލަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ވެސް ވަކި މުއްދަތެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އަލަށް ސްކޫލަށް ކުދިން ވެއްދުމުގެ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓާ ހަމައަށެވެ. ވުޒާރާއިން ވަނީ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައި، ސްކޫލު ބަދަލުކުރުމަށް ދުރާލާ ތައްޔާރުވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ