ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ރޯހައުސްތަކަށް އެދި ހުށަހަޅަންޖެހޭނީ އެ ވުޒާރާގެ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ. މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެހިންނަށާއި، ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ، އުމުރުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ.

މި ރޯހައުސްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެއްމެދު އިމާރާތަކުން 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައި ނުވަތަ ގަތުމަށް އެއްބަސްވެފައި ނުވުމާއި، އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައި ނުވުން ހިމެނެއެވެ.

ރޯހައުސްތައް ދޫކުރުމުގައި ޕޮއިންޓް ދޭނެ މިންގަނޑުތަކުގެ ތެރޭގައި ޢާއިލާގެ ކުޑަބޮޑުމިނާއި، ދިރިއުޅުމުގެ ޙާލަތަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އިސްކަން ދެވޭނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ރޯހައުސްތަކަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި ތިނަދޫ ކައުންސިލުންކަމާއި، ނަމަވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހުއްދަ ނުހޯދައި ކުރި އިޢުލާނަކަށްވާތީ އެ އިޢުލާން ބާޠިލުކުރެވުނެވެ. 2022 ވަނަ އަހަރު ފެށުނު މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވެނީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ