މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން، އައިސް އުފައްދާ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް އިތުރު 200 އުޅަނދަކަށް ލޯނު ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހިރިލަންދޫގައި ވިދާޅުވެއްޖެއެވެ.
ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މި ސްކީމްގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމް ދޫކުރުމަށް ހޮވުނު އުޅަނދުތަކުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނިސްބަތްވަނީ ހިރިލަންދޫއަށެވެ. މިގޮތުން އެރަށުގެ 4 އުޅަނދަކަށް ސިސްޓަމް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
"މަސްވެރިންގެ ދުވަހުގެ ކުރިން 200 އުޅަނދަކަށް އެބަ ސިސްޓަމް ހަރުކުރަން ލޯނު ދޫކުރެވޭ. އެހެންވީމަ ޖުމްލަ 300 ސިސްޓަމް ޖުމްލަ ދޫކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ހިރިލަންދޫގެ ސިނާޢީ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް، ރަށުގެ ބިން އިތުރަށް ހިއްކުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކޯލްޑް ސްޓޯރޭޖެއް ހިރިލަންދޫގައި ގާއިމުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިރިލަންދޫގެ ތަރައްގީއަށް ކުރިއަށް ގެންދަވާ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި، ސްކޫލް އިމާރާތް އަދި ހެލްތު ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑަކާއި އިތުރު ކުޅިވަރު ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.