ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ފައިނަލް ލިސްޓުން އުނިކުރެވޭނީ ހަމައެކަނި ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން އެކަނި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފްލެޓުތައް ވިއްކަން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، 4000 ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ 2023 ނޮވެމްބަރު 15 ގައި އިއުލާން ކޮށްފައިވާ ލިސްޓު ކަމަށާއި، މި ސަރުކާރުންވެސް އަމަލުކުރާނީ އެ ލިސްޓާއެކު ކުރެވުނު އިއުލާނާ އެއްގޮތަށް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ގެޒެޓު ކޮށްފައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކޮށްފައި ނުވާނެއެވެ. އަދި އެ ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރީ ސަރުކާރުން ނެރުނު ލިސްޓާ ގުޅިގެން އޭސީސީން ވަނީ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކޮށް، އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައެވެ. އޭސީސީން އޭރު ހާމަކުރި ގޮތުގައި ލިސްޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވެއެވެ.
މިހާރުގެ ސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، 4,939 ފޯމު ބަލައި، 2,180 މީހުން ޝަރުތު ހަމަނުވާކަމަށް ނިންމާފައެވެ. އަދި މިހާތަނަށް 3,000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، 600 އެއްހާ މީހުން ވަނީ ސެކިއުރިޓީ ޑިޕޮޒިޓް ދައްކާފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ވަނީ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ފަށައިފައެވެ.



