ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ – ރައީސް

ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މިސްރާބު ބަދަލު ކުރަންޖެހޭ ކަމަށާއި، އެހެންނޫނިއްޔާ 2050 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި ކަމަށެވެ.

"ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރިގޮތާއި ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، ދެބަސްވުމެއްނެތި ޤަބޫލުކުރެވޭ ހަޤީގަތަކީ ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލު ކުރަންޖެހޭކަން. އެހެންނޫނިއްޔާ 2050 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެން ދާއިރު، ރާއްޖޭގެ އާބާދީގެ 60 އިންސައްތަ ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ތޮއްޖެހިފައިވާ މާލޭގައި ރާއްޖޭގެ 60 އިންސައްތަ ރައްޔިތުން ދިރުއުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކުރަން ހެޔޮ ވާވަރުގެ ކަމެއްވެސް ނޫން ކަމަށެވެ.

:އެއީ ކުރެވޭނެ ކަމެއް ނޫން، ކުރަން ހެޔޮ ވާވަރުގެ ކަމެއްވެސް ނޫން. ހަމައެފަދައިން އިޖުތިމާއީ އެތައް މައްސަލަތަކެއްވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ." ދާދި ދެންމެ ރައީސް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި، އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ، ޤައުމު ހިންގުމުގައި ޒަމާނުންސުރެ ގެންގުޅެމުން އައިސްފައިވާ މަރުކަޒީ ވިސްނުން ކަމަށާއި، އެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ.

އެއް ދުވަހަށް ކުރިއަށް ގެންދާ ސިޓީ އަދި ރަށު ކައުންސިލްތަކުގެ މަހާސިންތާގައި ސީޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާއިރު، ކައުންސިލްތަކުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްވެސް ހަމެޖެހިފައިވެއެވެ.

މި މަހާސިންތާ މިއަހަރު ފަށާފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުކަން ފާހަގަކޮށްލެވެއެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ