ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، "ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ" މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމުގެ މަޤްޞަދުގައި ފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ.
މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތަޢާރަފްކުރެވޭނެއެވެ. އަދި މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސޭނެއެވެ.
މީގެއިތުރުން، ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫޢާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.