ދިގުރަށުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކޮށް، ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭނަން: ރައީސް

ދިގުރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެހީތެރިވުމަށް ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، ސަރުކާރުން ދިގުރަށުގައި ހިންގާ މަގުހެދުމުގެ މަޝްރޫޢާއި ސްކޫލުގެ އައު އިމާރާތަކީ ރަށުގެ ތަރައްޤީއާ ކުރިއެރުމަށް ނުހަނު ބޭނުންތެރި ދެ މަޝްރޫޢެކެވެ. ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާގޮތެއްގައި ހިންގާ މިފަދަ ރަށެއްގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމުކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެކި މުއައްސަސާތަކުގައި ރަށުން ބޭރުން ޚިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ކުޅިވަރުގެ ދާއިރާއަށް އަމާޒުކޮށް ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ރަށުގެ ގޯތީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނަން" ރައީސް ވިދާޅުވިއެވެ. މިގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން މަދުވެގެން 50 ގޯތި ދޫކުރެވޭގޮތަށް އެ ޕްލޭން އިސްލާހުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ މުހިންމު ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު، ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުވާ، އެމަގުން އެފަދަ މަޝްރޫޢުތައް ބައްޓަންކުރެއްވުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ