ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު އެންސްޕާއިން 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޚަރަދުގެ ތެރޭގައި ރާއްޖޭގައި ބޭސްފަރުވާ ކުރި ފަރާތްތަކަށް 12.9 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރި ފަރާތްތަކަށް 8.9 މިލިޔަން ރުފިޔާ ހިމެނެއެވެ.
މީގެއިތުރުން، އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14,790 މީހަކަށް މާލީ އެހީގެ ގޮތުގައި 52.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ މަހު އަލަށް 144 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެސިސްޓިވް ޑިވައިސްތަކަށް 3.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރޭގައި ހިއަރިންގް އެއިޑް، ބައިޕެޕް މެޝިން، ވީލްޗެއަރ އަދި އޮކްސިޖަން ކޮންސެންޓްރޭޓަރ ފަދަ ތަކެތި ހިމެނެއެވެ. އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ 33 ހިއަރިންގް އެއިޑް އަދި 30 ބައިޕެޕް މެޝިން އަދި މާސްކެވެ.
އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ފަޤީރު ހާލަތުގައި ދިރިއުޅޭ 698 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އެހީ ފޯރުކޮށްދީފައިވާއިރު، މިކަމަށް 25,640 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާގެ އިތުރުން އާސަންދައިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގައި ދެވޭ ސިއްހީ ފަރުވާތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.



