އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިޢުލާންކުރަމުންދާ ދަނޑިވަޅެއްގައި ވަޒީރު މި ވާހަކަ ދައްކަވާފައިވެއެވެ. މީސް މީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތައް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރުމަށް އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، "އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން" ކަމަށެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މިފަދަ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ބަލާ ފާސްކުރުމުގެ މަސައްކަތް ފެށުމަށް ރޭވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް މިހާރު ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސްއާއެކު މިހާރު ދައްކަންޖެހޭ 4،984 ރުފިޔާގެ ބަދަލުގައި، 15،000 ރުފިޔާއާއި 18،000 ރުފިޔާއަށް ވެސް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ޢާންމުން ދަނީ، މިއީ ނިކަމެތިންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްކުރުވާނެ ކަމެއްކަމަށް ފާހަގަކުރަމުންނެވެ.




