އޮޑި ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިޔު) ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހަޅާފައިވާ 40އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ މުސްލިމާ އިބްރާހީމް ދީދީ ވިދާޅުވި ގޮތުގައި، މިހާތަނަށް 70އަށްވުރެ ގިނަ މަސްވެރިން މި ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 41އަށްވުރެ ގިނަ އެޕްލިކޭޝަން މިހާރު ވަނީ ފާސްކޮށްފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު ބޮޑުވުން ހިމެނޭއިރު، މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިހާރު ދަނީ އާރްއެސްޑަބްލިޔު ސިސްޓަމްތައް އޮޑި ދޯނިފަހަރުގައި ޤާއިމްކުރުމަށް ލޯނު ދޫކުރަމުންނެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. އަދި އަލަށް ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް ފުރުސަތު ދެއެވެ.
ސަރުކާރުން މިހާރު ވަނީ ލޯނު ނެގުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައްވެސް ލުއިކޮށްފައެވެ. އެގޮތުން ކްރެޑިޓް ހިސްޓްރީ ބަލާ މުއްދަތު އެއް އަހަރުން ތިން މަހަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ދެއެވެ.
މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރްއެސްޑަބްލިޔު ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރާމެއް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ.




