40 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ޑިސެމްބަރުމަހު ފަށަން ތައްޔާރުވަނީ

އަންނަ ޑިސެމްބަރުމަހު 40 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައިއިރު ރާއްޖޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކޮށްގެން ޚިދުމަތް ފޯރުކޮށްދެމުން އައީ ގާތްގަނޑަކަށް 20 ރަށުގައެވެ. އެހެން ރަށްތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަނަމަވެސް، އެކަށީގެންވާ ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްނުދެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށް ރިޢާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމާއެކު، ފުލުހުންގެ އަމިއްލަ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށްޓެވުމަށް ނިންމަވާފައެވެ.

މިހާތަނަށް 56 ރަށުގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޑިސެމްބަރުމަހު އިތުރު 40 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ވިޝަންއަކީ ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުން. މިގޮތަށް ޚިދުމަތް ދެމުން އަންނައިރު ކުށްތައް ހިނގުމުގެ ކުރިން ފުލުހުން އެކަމަކާ އެންގޭޖްވެ ކުށުގެ މާހައުލު ނައްތާލުމަށް މަސައްކަތް ކުރާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަންއަށް އެހީތެރިވުމާއި، ކުށުގެ މާހައުލުން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މި މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ