ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ސިވިލް އޭވިއޭޝަން އޮޓޯރިޓީން ވަނީ އައު ޤަވާއިދެއް އެކުލަވާލާ، އެ ޤަވާއިދު މިހާރު ގެޒެޓްކޮށްފައެވެ. މި ބަދަލާއެކު، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ވިޔަފާރިތައް ހިންގުމުގެ ހުއްދަ ދެވޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އައު ގަވައިދަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގައުމީ އުފެންދުންތެރިކަން މަތިކޮށް ދިވެހި ވިޔަފާރިތަކަށް އިތުރު ބާރު ދިނުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށެވެ. ކުރިން އޮންނަ ގޮތުން %49 ބޭރުގެ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މިފަދަ ވިޔަފާރިތައް ރާއްޖޭގައި ކުރެވޭ އުސޫލު އޮތެވެ.
އަލަށް ގެނެވުނު މި އިސްލާހުގެ ދަށުން، ޖެނެރަލް ސޭލްސް އެޖެންޓުންނާއި (ޖީއެސްއޭ)، ޕެސެންޖާ ސޭލްސް އެޖެންޓުން (ޕީއެސްއޭ) އަދި ކާގޯ ސޭލްސް އެޖެންޓް (ސީއެސްއޭ) ގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މާލީ ފައިދާތައް ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ވަރަށް މުހިންމު ބަދަލެއްކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއިއެކު ގެނެވުނު ބަދަލެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، "މިއީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުންދީ އެ ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ބަދަލެއް" ކަމަށެވެ.
ދިވެހިންގެ މިލްކުވެރިކަމަށް އިސްކަންދީ، ލޯކަލް ވިޔަފާރިވެރިންނަށް ފުޅާ ދޮރުތަކެއް ހުޅުވުމާއިއެކު ސަރުކާރުން މަސައްކަތްކުރަމުންދަނީ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމްކޮށް، ދިވެހި ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ޤަވާއިދުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހި ކުންފުނިތަކުގެ ދައުރު ފުޅާވެ، އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް ބެލެވެއެވެ.
 
								
 
											
 
								

 
														 
														 
														 
														 
														 
														