12 ރަށެއްގައި 700 ހައުސިންގ ޔުނިޓް އަޅަން އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ސަރުކާރުގެ މަސައްކަތުގެ ދަށުން، ޖުމްލަ 12 ރަށެއްގައި 700 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކޮށްފިއެވެ. މިއީ ރައްޔިތުންނަށް އަމިއްލަ ގެދޮރުގެ ޔަގީންކަން ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު ބައެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ވާއިރު، މި ޕްރޮޖެކްޓްތައް ހަވާލުކުރެވިގެން ދިޔައީ އެ އަމާޒަށް ވާސިލްވުމަށް އެޅުނު އިތުރު ފިޔަވަޅެއްގެ ގޮތުގައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިގު މުއްދަތަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ޕްރޮޖެކްޓްތަކުގެ ދަށުން ތަރައްޤީކުރާ 700 ހައުސިންގ ޔުނިޓް އެޅުމަށް ކުންފުނިތަކާ ހަވާލުކުރައްވާފައިވަނީ އެކި އަދަދުތަކަށެވެ. އެގޮތުން، ޔުނިޓްތައް ހަވާލުކުރެވިފައިވަނީ 25 ހައުސިންގ ޔުނިޓާއި، 50 ހައުސިންގ ޔުނިޓާއި، 75 ހައުސިންގ ޔުނިޓާއި، އަދި 100 ހައުސިންގ ޔުނިޓްގެ ބެޗްތަކުގައި ޢަމަލީ މަސައްކަތް ފެށުމަށެވެ. މިއީ ރަށްރަށުގެ ބޭނުމާ އެއްގޮތަށް މަޝްރޫޢުތައް ބަހާލައިގެން ކުރިއަށް ގެންދާ ގޮތެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތަފްސީލަށް ބަލާލާއިރު:-

  • ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު ތަރައްޤީކުރަން ގްލެޓް އިންވެސްޓްމަންޓްސްއަށް
  • ދ. މީދޫގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
  • އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
  •  ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
  • މ. މުލަކުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އޮކްސްރޯއަށް
  • ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން މިމްސް ކޮންސްޓްރަކްޝަނަށް
  • ގދ. ގައްދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ވޭވްލެންތަށް
  •  ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ސްވިފްޓު އިންޖިނިއަރިންއަށް
  • ލ. ގަމުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އަލާފް ޕްރައިވެޓް ލިމިޓެޑަށް
  • ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން ވައިޓް ލިންކްސްއަށް
  •  ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެކްސިންކަށް
  • ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެސިންކަށް

މިފަދަ ބޮޑެތި ހައުސިންގ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭން އަވަސްކޮށް، ރައްޔިތުންނަށް ވީހާވެސް އަވަހަށް ގެދޮރުގެ ޙައްޤު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުތަކުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ