އެޗްޑީސީން 6 އަތޮޅެއްގައި ހައުސިންގ ޔުނިޓް އަޅަން ހުޅުވާލައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރާއްޖޭގެ ހަ އަތޮޅެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ޝަޢުގުވެރިވާ ކުންފުނިތައް ހޯދަން ހުޅުވާލައިފިއެވެ.

މިއީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.

އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހުޅުވާލާފައިވަނީ ހދ. އަތޮޅު، ށ. އަތޮޅު، ލ. އަތޮޅު، ރ. އަތޮޅު، ޅ. އަތޮޅު އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މި އަތޮޅުތަކުގެ ޖުމްލަ 10 ރަށެއްގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އިޢުލާނުގައި ހިމެނެއެވެ.

މި މަޝްރޫޢުތަކަށް ޝަޢުގުވެރިކަން ފާޅުކުރުމަށް (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް) އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެޗްޑީސީން އުންމީދުކުރަނީ މި މަޝްރޫޢުތަކަށް ގިނަ އަދަދެއްގެ ކުންފުނިތަކުގެ ޝަޢުގުވެރިކަން ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ވަނީ މިހާތަނަށް އަތޮޅުތަކުގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް އިޢުލާނުކޮށްފައެވެ. މިއީ 12,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކެކެވެ. މީގެތެރެއިން ގިނަ ރަށްތަކަށް ކޮންޓްރެކްޓަރުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާއިރު، މިހާރު ގެންދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ދިވެހި ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގައި ދެން ހިމެނޭ ރަށްތަކަށްވެސް ކޮންޓްރެކްޓަރުން ހަމަޖެއްސުމުގެ މަސައްކަތްތައް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މިހާރު އިޢުލާނުކޮށްފައިވާ 57 ރަށުގެ އިތުރަށްވެސް، ހައުސިންގ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ. މިއަހަރާއި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައިވެސް ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އިޖުތިމާޢީ ދާއިރާތަކުގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ