ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
މި ޚިދުމަތް ފެށުމަށް ބޭނުންވާ ޑްރައިވަރުން ހޯދަނީ ފުލްޓައިމް އަދި ޕާޓްޓައިމް އުސޫލުންނެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ޓެކްސީ ލައިންއަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެތެރެއިން 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތްކުރުމަށެވެ. އަދި ބާކީ 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތްކުރުމަށެވެ. ޑްރައިވަރުންނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޑްރައިވަރުން ނެގުމުގައި، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ސަރުކާރުން މި ޓެކްސީ ލައިން ތަޢާރަފުކުރަން ނިންމާފައިވަނީ، ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މި ޚިދުމަތް ފެށުމަށް ކުރިން އޮތީ މިއަހަރުގެ އޮގަސްޓް މަހު ކަމަށް ނިންމާފައެވެ. ނަމަވެސް، ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ޚިދުމަތް އަންނަ ޖެނުއަރީގެ ނިޔަލަށް ފެށޭނެކަމަށެވެ.
ޚިދުމަތް ފެށުން ލަސްވުމުގެ މައިގަނޑު ސަބަބަކީ، ރާއްޖެއަށް ގެންނަން ނިންމާފައިވާ އިލެކްޓްރޯނިކް (އީވީ) ކާރުތަކަށް ބަދަލުތައް ގެންނަން ޖެހުމެވެ. ވަޒީރު ވިދާޅުވީ، ކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެ ގޮތަށް ކާރުތަކަށް ޚާއްސަ މޮޑިފިކޭޝަންތައް ގެންނަންޖެހޭ ކަމަށެވެ. "މިކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލަކަށްވުމާއެކު، ލޮނުގެ އަސަރު ކުޑަވާނެގޮތަށް ކާރުތަކަށް ބައެއް މޮޑިފިކޭޝަންތައް ނުވަތަ ބަދަލުތައް ގެންނަންޖެހޭކަމަށް" ވަޒީރު ވިދާޅުވިއެވެ. މި ބަދަލުތަކާއެކު އުޅަނދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވަނީ ޔަޤީންކޮށްދެއްވާފައެވެ.
ސަރުކާރުގެ މި ޓެކްސީ ލައިންގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ. މީގެތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭނެއެވެ. މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. އަދި މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ އޫބާ ނުވަތަ ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށް، ޚިދުމަތް ދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށްގެންނެވެ.



