އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ކޮމެޓީން ފާސްކޮށްފި

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓަށް މައިގަނޑު އުނިއިތުރެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބަޖެޓަކީ ޖުމްލަ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ 9.3 ބިލިޔަން ރުފިޔާއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާއެވެ. ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގައި އެކި އިދާރާތަކާއި މާލީ ވުޒާރާއާ ވަނީ މަޝްވަރާތައް ކޮށްފައިވީ ނަމަވެސް، މުޅި ޖުމްލަ ބަޖެޓަށް ބޮޑު ބަދަލެއް ނާންނަ ގޮތަށް ވަނީ އިސްލާހުތައް ގެނެސްފައެވެ.

ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ޚާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުން ހިމެނެއެވެ. އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.

މީގެ އިތުރުން، ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ދެއްވާފައެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ. މި ބަޖެޓް ފާސްކުރުމަށްޓަކައި، ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ މެދުގައި ބަހުސްކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓު ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓު ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ