ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

އަންހެނުން ބާރުވެރި ނުކުރެވޭނަމަ އެއީ ހަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫން – ރައީސް

އަންހެނުން ބާރުވެރި ނުކުރެވޭ ނިޒާމަކީ ހަޤީޤީ ލާމަރުކަޒީ ނިމާމެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

"ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ" އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި، ކައުންސިލަރުންތަކެއް އިންތިޚާބު ކުރުން އެކަނި ނޫން ކަމަށާއި، އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި، މާލީ ބާރުވެރިކަން ދޭންޖެހޭ ކަމަށެވެ.

"އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީވެސް ޙަޤީޤީ ލާމަރުކަޒީ ނިޒާމެއް ނޫން." ރައިސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، ޤާނޫނުގައި ބަޔާންކުރާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް، މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެނޫން ގޮތަކަށް ތަރައްޤީގައި އަންހެނުންގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރުމަކީ، ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް 10 އަހަރު ފުރެންދާއިރު، ލޯކަލް ކައުންސިލްތައް ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށާއި، ކައުންސިލްތަކުގެ ތެރޭގައި ވަރަށް ރަނގަޅަށް ހިނގާ ކައުންސިލްތަކާއި، އެދެވޭގޮތުގައި ނުހިނގާ ކައުންސިލްތައްވެސް އެބަހުރި ކަމަށެވެ.

"އެކަން އެގޮތަށް މެދުވެރިވަނީ، ސިޔާސީގޮތުން ލާމަރުކަޒު ކުރެވިފައިވިޔަސް، އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް، ތަންފީޒީ މަރުޙަލާގައި، ގިނަ ކަންކަން އަދިވެސް ލާމަރުކަޒު ނުކުރެވޭތީ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރަންޖެހޭ ކަމަށާއި، އެކަމަކީ ސީދާގޮތުން ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ، ޢާންމުންގެ ޚިޔާލު ހޯދައި، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންހެނުން ބާރުވެރި ނުކުރެވޭ ނިޒާމަކީ ހަޤީޤީ ލާމަރުކަޒީ ނިމާމެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަންޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވަނީ މިއަދު ވިދާޅުވެފައެވެ.

އަންހެނުންތަ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް މުސާރަ ނުދޭއިރު އިދާރީގޮތުން މަސައްކަތްކުރާ އެކަށީގެންވާ ވަސީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދީފައެއް ނުވެއެވެ. އެހެންކަމުން ގިނަ ކޮމެޓީތަކަކީ ނަމެއްގައި އުފެދިފައި އޮތް ކަމެޓީތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ