އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ނިންމާފައިވާކަމަށް ރާއްޖެއަށް ކާޑު ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނި އެސްޓީއޯ އިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ކާޑުގެ އަގު ރާއްޖޭގެ ހުރިހާ ރަށެއްގައި ހަމަހަމަ ކުރުމަށްޓަކައި ކާޑުގެ ބާވަތްތަކުގެ ނާލާއި، މަޖޫރޫރީ ފީ އެސްޓީއޯއިން ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯއިން ވިދާޅުވީ، މިކަން ކުރުމަށްޓަކައި ހުރިހާ ރަށަކުންވެސް އެޖެންޓުންތަކެއް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަން ކުރައްވާނީ ބީލަމުގެ އުޞޫލުން އާއްމުކޮށް ހުޅުވާލައިގެން ކަމަށެވެ. އެކަމުގެ ބީލަން ކަރުދާސް މާދަމާ މެންދުރުފަހު 02:00 އިން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައަކުން ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ކޮންމެ ރަށަކުން ކަނޑައަޅާނީ އެންމެ އެޖެންޓެއް ނޫން ކަމަށާއި، ވީހާވެސް ގިނަ އެޖެންޓުން ކަނޑައެޅުމަކީ އަމާޒު ކަމަށް އަދި މި ބީލަމާބެހޭ މަޢުލޫމާތު ފާމަސީތަކުގެ އިތުރުން އެކަމަށް ކަނޑައެޅޭ ޚާއްޞަ ހޮޓްލައިނަކުންވެސް ލިބިވަޑައިގެންނަވާނެ ކަމަށާއި، ބީލަންތައް ހުށަހަޅަންވެސް ޖެހޭނީ ފާމަސީތަކަށް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެސްޓީއޯގެ އެމްޑީ އިތުރަށް ވިދާޅުވީ، ކާޑުގެ އަގު ހުރިހާ ރަށެއްގައި ހަމަހަމަ ކުރުމަށްޓަކައި ސަރުކާރުގެ ބަޖެޓުން އިތުރަށް ފައިސާ ޚަރަދު ނުކުރާނެ ކަމަށާއި، އެސްޓީއޯއިން އެކަން ކުރަނީ ވިޔަފާރި ކުރާ ނިޒާމަށް ގެންނަ ބަދަލުތަކުން ސަލާމަތްކުރާ ފައިސާއިން ކަމަށްވާތީ ކުންފުނީގެ ޚަރަދުތައްވެސް އިތުރަށް ބޮޑުވެގެން ނުދާނެ ކަމަށެވެ.