އެފްރިކާކަޕް އޮފް ނޭޝަންސް އަށްޓަކައި ޗެމްޕިއަންސް ލީގު ތަށިވެސް ދޫކޮށްލަފާނަންކަމަށް ނިމުނު ސީޒަންގައި ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސަޑިއޯ މާނޭ ބުނެފިއެވެ.
މާނޭ ހުރީ ސެނެގޯލްއާއެކު އެފްރިކާކަޕް އޮފް ނޭޝަންސްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކެތްމަދުވެފައެވެ. އެގޮތުން އުފަލާއެކު އެފްރިކާކަޕް އޮފް ނޭޝަންސް އަށްޓަކައި ޗެމްޕިއަންސް ލީގު ތަށި ދޫކޮށްލަން ތައްޔާރަށް ހުރިކަމަށް މާނޭވަނީ ބުނެފައެވެ.
ސެނެގޯލްއަށް އެފްރިކާގެ ޗެމްޕިއަންކަން ދުވަހަކުވެސް ލިބިފައިނުވާއިރު، ޤައުމީ ޓީމާއެކު ހޯދޭ ކޮންމެ ކާމިޔާބީއަކީ މާނޭއަށް ލިބޭ ބޮޑު ފަޚުރަކަށްވެގެންދާނެއެވެ. ނިމުނު ސީޒަންގައި ލިވަޕޫލްއިން ޗެމްޕިއަންސް ލީގުގެ ހަވަނަ ތަށި އުފުލާލިއިރު އެޓީމުގައި މާނޭވަނީ އިސްރޯލެއް އަދާކޮށްފައެވެ.
"މިމުބާރާތް އަދި ކާމިޔާބުކުރެވިފައި ނުވާއިރު، ޤައުމީ ޓީމާއެކު މިމުބާރާތް ކާމިޔާބުކުރެވިއްޖެނަމަ، އެއީ ލިބޭނެ ވަރަށް ބޮޑު އުފަލެއް" މާނޭ ބުންޏެވެ.
މުބާރާތުގެ އެއް ފެވަރިޓުންގެ ގޮތުގައި ނިކުތް ސެނެގޯލް ޓީމުގައި މުބާރާތް ކާމިޔާބު ކުރުމުގެ ހުނަރާއި ޤާބިލުކަށް ހުރިކަމަށް މާނޭ ޤަބޫލުކުރެއެވެ.
މުބާރާތުގައު ސެނަގޯލް ކުޅުނު ފުރަތަމަ މެޗުން ތަންޒާނިއާއާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ސެނެގޯލްވަނީ މޮޅުވެފައެވެ. ދެވަނަ މެޗުގައި ސެނެގޯލް އަލްޖީރިއާއާއި ބައްދަލުކުރަންޖެހޭއިރު އެމެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 10:00 ގައެވެ.



