ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ - ފޮޓޯ ރައީސް އޮފީސް

އަދާލަތަށް ދާއިރާތައް ދޫކޮށްލުން އޮތީ ކެންޑިޑޭޓުންގެ އަތްމަތީގައި – އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާތަކެއް އަދާލަތު ޕާޓީއަށް ދޫކޮށްލުން އޮތީ އެ ދާއިރާތަކަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓުންގެ އަތްމަތީގައި ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަދާލަތު ޕާޓީން ހުށަހެޅުއްވި ހުށަހެޅުމާ މެދު ޤައުމީ މަޖިލީހާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ޤައުމީ މަޖިލީހުގެ ރޫހަކީ އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރުން ކަމަށެވެ.

އަދާލަތާއެކު ކުރިއަށް ދިއުމުގެ ރޫހު ހުރިނަމަވެސް ޤައުމީ މަޖިލީހުން ނިންމާފައިވަނީ، ކެންޑިޑެންސީ އަނބުރާ ގެނައުމުގައި ކެންޑިޑޭޓުން އަމިއްލަފުޅަށް ގޮތެއް ނިންމުމަށް ދޫކޮށްލުމަށް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވިދާޅުވިއެވެ. މިކަމާ ގުޅިގެން ޕާޓީން ޤައުމީ މަޖިލީހާ ބައްދަލު ކުރުމަށްފަހު ކެންޑިޑޭޓުންނާއި، އަދި އެބޭފުޅުންގެ ކެމްޕޭން ޓީމުތަކާއި އެ ދާއިރާތަކުގެ ވަރަށް ގިނަ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށްވެސް އެމްޑީޕީން ވިދާޅުވިއެވެ.

"އެހެންވީމަ ޕާޓީގެ  ނިންމެވުމަކީވެސް މިވަގުތުގެ ސްޓޭންޑަކީ ކެންޑިޑެންސީ ވިތްޑްރީ ކުރާނަމަ އެކަމެއް ނިންމަވާނީ ކެންޑިޑޭޓުންތާއި، ކެމްޕެއިން ޓީމުތަކުންނާއި، އެ ދާއިރާތަކުގެ އެމްޑީޕީ މެންބަރުން ކަމަށް." އެމްޑީޕީން ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރެއްވުމަށް 86 ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާފައިވީ ނަމަވެސް އަދިވެސް އިލެކްޝަންސް ކޮމިޝަންގެ ޑެޑްލައިންތަކެއް ހަމަ ނުވާކަމަށް އެމްޑީޕީން ވިދާޅުވިއެވެ.

"އެހެންވީމަ އެ ޑިޒިޒަން ދޫކޮށްލާފަ އެއޮތީ އެ ކެންޑިޑޭޓުން ނިންމަވާ ގޮތަކަށް ޕާޓީން އިހުތިރާމް ކުރާ ގޮތަށް." އެމްޑީޕީން ވިދާޅުވިއެވެ.

އަދާލަތު ޕާޓީއާ މީގެ ކުރިން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް ވަރަށް ގުޅުން ބަދަހިކަމާއެކު މަޝްވަރާ ކުރެވެމުންދާކަމަށް އެމްޑީޕީން ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީއަކީ ވަރަށް ރޭވިގެން ވަރަށް ރަނގަޅު އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރައްވާ ވަރަށް ގިނަ ކަންތައްތަކުގައި އެމްޑީޕީއާ ޚިޔާލު އެއްގޮތް ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ތާނގައިވެސް އަދާލަތު ޕާޓީއާއެކު މަސައްކަތް ކޮށް، މަޖިލީހުގައި އަޅުގަނޑުމެންގެ މެޖޯރިޓީއެއް އޮތުން." އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އަދާލަތަށް ދާއިރާތައް ދޫކޮށްލުން އޮތީ ކެންޑިޑޭޓުންގެ އަތްމަތީގައި ކަމަށް އެމްޑީޕީން ވިދާޅުވިއިރު، ކެންޑިޑޭޓުން ތިއްބެވީ ދޫކުރާ ގޮތަކަށް ނޫނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް