ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

މަޝްހޫރު ހޮނިހިރު ބާޒާރު ނިމުމަކަށް

ޒަމާނުންސުރެ ބޮޑު ތިލަދުންމަތީ ކުޅުދުއްފުށީގައި ކުރިއަށްދާ މަޝްހޫރު ހޮނިހިރު ބާޒާރު ނިމުމަކަށް އައިސްފިއެވެ.

ކުޅުދުއްފުށީގައި ލޯކަލްމާރުކޭޓުގެ ހިދުމަތް މިހާރު ފެށިފައިވާތީ ހޮނިހިރު ދުވަހު ދަތުރުވެރިންނާއި، އާއްމުން ތަކެތި ވިއްކުން ކުރިއަށްދާ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި 07 ޖުލައި 2019 ވަނަ ދުވަހުން ފެށިގެން ތަކެތި ވިއްކަން ތިބުމަކީ މަނާ ކަމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލުންވަނީ ނިންމައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލް އިން ވިދާޅުވީ، އާއްމުކޮށް ރަށުގެ ހުސްބިންތަކާއި އެކިއެކި ތަންތަނުގެ ތެރެއިން ލޯކަލްތަކެތި ވިއްކުމަށް ހުއްދަ ކުރެވިފައިވާ ތަންތަނަކީ ހަމައެކަނި ލޯކަލް ގާޑިޔާގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ކަމުގައިވާތީ މިނޫން ތަންތަނުގައި ވެސް ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ.

ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ހޮނިހިރު ދުވަހަކީ ވަކިން ޚާއްޞަ، ތަފާތު ދުވަހެކެވެ. ބޮޑު ތިލަދުންމަތީގެ ވިޔަފާރީގެ މަރުކަޒުކަމުގައިވާ ހދ. ކުޅުދުއްފުޓަށް، ހއ، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް، ހޮނިހިރު ދުވަހު ދަތުރު ކުރާ ދުވަހެވެ. ތަފާތު ބޭނުންތަކުގައެވެ. އެއްބަޔަކު އާންމު ވިޔަފާރި ކުރަން ދާއިރު، އަނެއްބަޔަކު ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހަސްފަތާލަށް ޑަކުޓަރަށް ދެއްކުމަށްދެއެވެ. މީގެ އިތުރުން ބަޔެއް މީހުންގެ މައިގަނޑު ބޭނުމަކީ ކާބޯތަކެތި ގަނެވިއްކުމެވެ. އެގޮތުން ސަރުކާރުގެ ދަތުރު ފަތުރުގެ ނިޒާމުގެ ތެރެއިން ދަތުރުކުރާ ފެރީތަކާއި، އަމިއްލަ ފަރުދުންގެ ފެރީތަކާއި، ބާރަށް ދުއްވާ ލޯންޗުތަކާއި، އޮޑި ދޯނިފަހަރުގައި އެތައްހާސް ބަޔަކު ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް ދަތުރު ކުރެއެވެ.

ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

ހެނދުނުގެ އަރައިގެންއަންނަ އިރާއެކު މީހުންތައް ޖަމާވާން ފަށާ މިސަރަހައްދު، މެންދުރު ފަސްވަންދެން ފެންނަނީ މީހުން ހޭލަމޭލަވެގެން އުޅޭ ސަރަހައްދެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަވެސް ފެނިގެންދަނީ ކުޅުދުއްފުށީގެ ހީވާގި ކަނބަލުންނާއި ބޭބޭކަލުން ބަރޯ ބަރޯގައި އެކިދިމަ ދިމާލުން ހޮނިހިރު ބާޒާރަށް ތަކެތި ޖަމާކުރާތަނެވެ. ކުޑައިރުކޮޅެއްގެ ތެރޭ ރަށްރަށުން ގެންނަތަކެތި ޕިކަޕުތަކުގައި ޖަމާކުރާތަން ފެނެއެވެ. އެއްބަޔަކު ހުސްދޮންކޭލުން ޕިކަޕު ފުރާ އަންނައިރު، އަނެއް ބަޔަކު ކަށިކޭލާއި، ކާށި ބަސްތާތަކުން ޕިކަޕު ފުރާ އާދެއެވެ. ބަޔެއް މޫސުންތަކުގައި ކުރިނބީ ބަނބުކޭލާއި، ނޮޅިވަރަމު ކުރުނބާގެ އިތުރުން ފީވަކުގެ ދޮންއަނބު ފޮށިގަނޑުތަކާއި، ގޮޔަދޫ ކަރާގެ ގޯނިތަކުން ޕިކަޕުތައް ބަރާކޮށް އަންނަލެއް މަދެއް ނޫނެވެ.

ޒަމާނުންސުރެ، ދިވެހިންނަކީ އެކިކަންކަން އެކި ދުވަސްވަރުގައި އެކި ގޮތްގޮތަށް ކޮއްއުޅޭ ބަޔެކެވެ. ދިރިއުޅޭ މާހައުލާއި،  ބޭނުންތަކާއި، ދިރިއުޅުމުގެ ހަމަތަކާއި އެއްގޮތަށް ދިވެހިން އަބަދުވެސް ކަންކަން ތަރުތީބު ކުރެއެވެ. އެތަށް އަހަރެއް ކުރިން ބޮޑުތިލަދުންމަތީގެ ރައްޔިތުން ހޮނިހިރު ދުވަސް ތަރުތީބުކޮއްފިއެވެ. ތިލަދުންމަޗަށް ހޮނިހިރު ދުވަހަކީ އާދަޔާ ޚިލާފު ތަފާތު ދުވަހެކެވެ.

ނަމަވެސް ދެން ބޮޑުތިލަދުންމަތީ ކުޅުދުއްފުށިން ހޮނިހިރު ދުވަހު މި މަންޒަރުތަށް ނުފެންނާނެއެވެ. މަޝްހޫރު ހޮނިހިރު ބާޒާރު މާޒީއަށްވެ ނިމުމަކަށް އައީއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

3 Responses

  1. Kandhi kamanaa

    Council ge ninmumah maruhabaa

  2. Hajja

    Abadhu evves kameh eggothakah noannaane lakka dhuvahu kulhudhuffushi e higgaimu sarahahdhu emeehun kuni alhaa gondukoffi

    5
    4
  3. Husen

    Hithaamahuri kameh

    6
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ