ރޮނާލްޑޯ އަދި މެސީއަށްފަހު ބެލެންޑޯ ހޯދުންދެން އެންމެގާތީ ބަނާޑޯ ސިލްވާ: ފިއުޗްރޭ

ރޮނާލްޑޯ އަދި މެސީއަށްފަހު ބެލެންޑޯ ހޯދުންދެން އެންމެގާތީ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާކަމަށް ޕޯޗުގަލް ޤައުމީ ޓީމަށް ކުރިން ކުޅެދިން ޕައުލޯ ފިއުޗްރޭ ބުނެފިއެވެ.

ނިމުނު ސީޒަންގައި ސިޓީއަށް 51 މެޗު ސިލްވާ ކުޅެދީފައިވާއިރު 2018-19 ވަނަ ސީޒަންގެ ޑޮމެސްޓިކް 3 ތަށި ސިޓީއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ޙިއްސާ ވަރަށް ބޮޑެވެ.

ޕްރިމިއާ ލީގު ތަށި ނިމުނު ސީޒަންގައި ސިޓީއިން ދިފާޢުކޮށްފައިވާއިރު ލިވަޕޫލާއި ބައްދަލުކޮށް ލިވަޕޫލްގެ މައްޗަށް ކުރި ހޯދި މެޗުގައި ތަފާތު ކުޅުމެއް ދެއްކި ސިލްވާއަކީ ސަޕޯޓަރުންގެ ވޯޓުން ހޮވުނު މިދިޔަ ސީޒަންގެ ސިޓީގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ޕައުލޯ ފިއުޗްރޭ - ފޮޓޯ: ގޯލް.ކޮމް

މީގެ އިތުރުން މިމަހުގެ ކުރީކޮޅު ޕޯޗުގަލްއިން ނޭޝަންސް ލީގު ކާމިޔާބުކުރިއިރު، އެޓީމުގައި ހިމެނުނު ސިލްވާ ސެމީ ފައިނަލްގައި ޕޯޗުގަލްގެ ރޮނާލްޑޯ ހެޓްރިކް ހެދުމަށްވަނީ އެހީތެރިވެފައެވެ. އެމެޗުގައި ރޮނާލްޑޯޖެހި ދެވަނަ ލަނޑަކީ ސިލްވާގެ އެސިސްޓަކުންޖެހި ލަނޑެކެވެ.

އަދި 1-0 ގެ ނަތީޖާއަކުން މޮޅުވި ފައިނަލްގައި ނެދަލެންޑް ކޮޅަށް ގޮންސާލޯ ގޯޑެސް ޖެހި ލަނޑަކީވެސް ސިލްވާގެ އެސިސްޓަކުން ޖެހި ލަނޑެކެވެ.

"މެސީ އަދި ރޮނާލްޑޯ ރިޓަޔާ ކުރުމަށްފަހު، ބެލެންޑޯ ހޯދުން އެންމެ ގާތީ ސިޓީގައި ބޮޑު ރޯލެއް އަދާކުރަމުން އަންނަ ބަނާޑޯ. ކުރިއަށް އޮތް އަހަރުތަކުގައިވެސް އަހަންނަށް ހީވާގޮތުގައި ބަނާޑޯގެ ހުނަރުތައް އިތުރަށް ކުރިއަރާނެ" ފިއުޗްރޭ ބުންޏެވެ.

ރޮނާލްޑޯ، މޮޑްރިޗް އަދި މެސީ ބެލެންޑޯ އެވޯޑާއެކު - ފޮޓޯ: ފޮކްސް ސްޕޯޓްސް އޭސިއާ

ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ކޮރޭޝިއާއާއެކު ވޯލްޑްކަޕް ފައިނަލަށް ދަތުރުކުރި ލޫކާ މޮޑްރިޗް މިދިޔަ ޑިސެމްބަރުގައި ބެލެންޑޯ ކާމިޔާބުކޮށްފައިވަނީ 10 އަހަރު ވަންދެން މިއެވޯޑު މެސީ އަދި ރޮނާލްޑޯ ހޯދުމަށްފަހުގައެވެ.

ނިމުނު ސީޒަންގައި ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކް ދެއްކި މޮޅުކުޅުމުގެ ސަބަބުން މިއަހަރުގެ ބެލެންޑޯ ވެންޑައިކަށް ލިބުން ވަރަށް ގާތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެންމެފަހުން ޑިފެންޑަރަކަށް މިއެވޯޑް ލިބިފައިވަނީ 2006 ވަނަ އަހަރުއެވެ. އެއަހަރު މިއެވޯޑް ކާމިޔާބުކުރީ އިޓަލީގެ ޑިފެންޑަރު ފަބިއޯ ކަނަވާރޯއެވެ.

ނެދަލެންޑާއެކު ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާ ވެންޑައިކް ނިމުނު ސީޒންގައި ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު ޕްރިމިއާ ލީގު ނިންމާލީ ތާވަލްގެ ދެވަނާގައި އޮވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ