ބޯހިޔާވަހިކަމަކީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދައުލަތަށެވެ. ސަރުކާރަށެވެ. ސިޔާސީވެރިންނަށެވެ. ޢާއްމު ރައްޔިތުމީހާއަށްވެސްމެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމައެކަނި ވަންނާނެ ގެދޮރު ނުވަތަ ފްލެޓެއް ކީތްކުރަން ގަނޑުވަރެއްވެސް ފެންނާން ނެތުމެއް ނޫނެވެ. ވަންނާނެ ފްލެޓްތައް ފެނުނަސް އަތް ނުފޯރާތީވެ ކަރުނައަޅާ އާއިލާތައްވެސް މަދެއް ނޫނެވެ. ޟަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުގައި ދިރިއުޅެން މަޖުބޫރު ކުރުވާތީވެ އުޅުނަސްވެސް ނުފޯރާފޮތިން ފޫގެޅުން ވެފައިވަނީ ގިނަ ބަޔަކަށް ވޭނަކަށެވެ.
މިއަދު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވޭތުވެދިޔަ ސަރުކާރުން ތަރައްޤީކުރަން ފެށި ފްލެޓްތަކަށް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ވަދެވޭވަރު ވާއިރު، އެތަންތަނަށްވެސް ނިކަމެތިންނަށް އަތް ނުފޯރާނެ ވާހަކައެވެ.
މިމަހުގެ 26 ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އިމާރާތް ކުރި ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގާނީ މަހަކު 11000 ރުފިޔާ ކަމަށެވެ. އެގޮތަށް އެޗްޑީސީން ވިދާޅުވީ އެ ފްލެޓްތައް ތަރައްޤީކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމަށްބުނެއެވެ.
ނަމަވެސް، ވޭތުވެދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ވިދާޅުވެފައިވަނީ، ފްލެޓްގެ ކުލި އުޅޭނީ މެއިންޓަނަންސް ފީއާވެސް އެކުގައި 6600ރ ގައި ކަމަށެވެ.

ކޮންމެއަކަސް ޔަޤީންވާ ކަމަކީ ދެ ސަރުކާރުން ޢާއްމު ރައްޔިތުމީހާއަށް ދިން ޖަވާބު ތަފާތުކަމެވެ. އަގު ތަފާތު ކަމެވެ. އަތްފޯރާ ފަށުގައި ފްލެޓް ލިބެން ނެތްކަމެވެ. މިއާއެކު އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ޒިންމާ އެޅުވުން މިވަނީ ފެށިފައެވެ. ނަމަވެސް ހަޤީޤަތުގައި ކަންވީގޮތް ބެލުން މުހިންމެވެ. އެކަން ހާމަކުރަންވެސް އެހާމެ މުހިންމެވެ.
އާ ސަރުކާރުން ފްލެޓްތަކާ ގުޅޭގޮތުން މިދިޔަ މާރޗް މަހުގެ 5 ވަނަ ދުވަހު ދެއްކި ވާހަކައަށް ބަލާލުން މުހިންމެވެ. އެދުވަހު ހައުސިންގެ މިނިސްޓްރ އާތިފާ ޝަކޫރު ވިދާޅުވީ، ހިޔާ ފްލެޓްތައް ޑިޒައިންކޮށްފައި ހުރީ ދިރިއުޅެން އެކަށޭނަ ގޮތަކަށް ނޫން ކަމަށެވެ.
އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ހިޔާ" މަސްރޫއުގެ ދަށުން ތަރައްޤީކުރާ 25 ބުރީގެ 16 ޓަވަރުގައި ހުރީ، ދެ ކޮޓަރީގެ 550 އަކަފޫޓްގެ 6880 ކުދި ފްލެޓްތަކެއް ކަމަށްބުނެ އާ ސަރުކާރުން ނިންމެވީ އެވަގުތު ކޮޓަރިތައް ބައިކޮށް ނުނިމިހުރި ހުރިހާ ފްލެޓެއް 2 ކޮޓަރީގެ އެޕާޓްމަންޓުން 3 ކޮޓަރީގެ ބޮޑެތި އެޕާޓްމަންޓްތަކަކަށް ބަދަލުކުރާށެވެ.

މިނިސްޓަރ އާތިފާ ވިދާޅުވީ، ފްލެޓްތަކަށް މި ސަރުކާރުން ގެންނަ ބަދަލާއެކު، 6880 ފްލެޓް 3588 ފްލެޓަށް މަދުވާނެ ކަމަށެވެ. އެ ބަދަލާ އެކު މިނިސްޓަރު ވިދާޅުވީ، ދެ ކޮޓަރީގެ 1104 ހައުސިން ޔުނިޓް އަދި ތިން ކޮޓަރީގެ 2484 ޔުނިޓް އެ ޓަވަރުތަކުގައި ހުންނާނެ ކަމަށެވެ. އެއާއެކު ތަނަވަސް ގެދޮރު ފޯރުކޮށްދެވޭނެކަމަށްވެސް ސަރުކާރުން ބުންޏެވެ.
ފްލެތްތަކަށް ބަދަލުގެނައިކަން ދިވެހިން ހަނދާން ނެތިއްޖެއެވެ. އެދުވަހު ފްލެޓްތަކަށް ގެނައި ބަދަލާއެކު އަގަށް ބަދަލު ގެންނާން ޖެހޭނެކަން ސަރުކާރަށް އެނގުނު ނަމަވެސް އެކަން އޮތީ އެދުވަހު ހާމަނުކޮށެވެ. އެކަން ހާމަކުރެއްވީ މިހަފްތާގައެވެ. އެކަން ހާމަކުރުމާއެކު ދިވެހިންނަށް ފްލެޓްގެ އަގު ބޮޑުވީއެވެ.
މިހުރިހާ ސަބަބެއް މިހެން ހުރުމާއެކު ހަމަ ބުއްދިން ވިސްނާލުމުން ކަންވީގޮތް ސާފުވާނެއެވެ. ފްލެޓްތައް ތަނަވަސްކުރަން ބޮޑު ކުރީއެވެ. ފްލެޓްތަކުގެ ސައިޒް ބޮޑުކުރީއެވެ. ކުރާ ޚަރަދު އެއްވަރެވެ. ނަމަވެސް އެ ޚަރަދު ދައްކަންޖެހޭ އާއްމު ރައްޔިތުންގެ އަދަދު މަދުވުމާއެކު ބުރަ ބޮޑުވީއެވެ.
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޚާލަތު ހުރީ ވަރަށްވެސް ދަށުގައެވެ. މައިންބަފައިންނާއި 20،22 އަހަރުގެ ދަރިންވެސް އެއް ކޮޓަރީގައި ދިރިއުޅޭ ޚާލަތަށް ގޮސްފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާއިރު ދިވެހިންނަށް އަތްފޯރާ ފަށުގައި ބެހެއްޓުންވެސް މުހިންމެވެ.





ހިޔާލު
ތިއޮތީ އަދުރޭގެ ހިސާބު ހަދާފަ. ބްރޯ 7000 ފްލެޓް 6880 އަށް މަދުވި ކަމަށް އެޗްޑީސީ އިން ބުނަނީ. އަދިވެސް ވެބްސައިޓް ހަދައިގެން ޚަބަރު ލިޔާތި.