ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ޓްރޭޑްއާއި މަޝްވަރާކުރެއްވިއެވެ.
ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާޙިދާއި ކޮމިޝަނަރ ސިސީލިއާ މެލްމްސްޓްރޮމް ވަނީ ވިލާތުގެ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ވާހަކަފުޅުގައި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއިވެސް ބްރަސަލްސްގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްޤުތަކާއި، އިޤްތިޞާދީ ތަރައްޤީއާއި އަދި އެނޫންވެސް ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ޔޫރަޕިއަން ޕާލަމެންޓްގެ ބައެއް ބޭފުޅުންނާއިވެސް މިނިސްޓަރގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. އެގޮތުން ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންކަމަށްވާ ތޯމަސް ޒެޗޮވްސްކީ، ޗާރލްސް ޓެނޮކް އަދި ޖީން ލަމްބާރޓްއާއި މިނިސްޓަރ ބައްދަލުކުރެއްވިއެވެ. ޖީން ލަމްބާރޓްއަކީ ޔޫރަޕިއަން ޕާލަމެންޓްގެ ދެކުނު އޭޝިއާގެ ޤައުމުތަކާއި ބެހޭ ޑެލިގޭޝަންގެ ޗެއަރއެވެ. މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ވަނީ ޑިމޮކްރަސީ އިޔާދަކޮށް، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށަގަނެ، ކުރިއަރުވަން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަން އެބޭފުޅުން މިނިސްޓަރަށް އެރުވިއެވެ