ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ހިންގަން އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ހޮޓާ ވިއްކާލަން ދެވަނަ ފަހަރަށް އިއުލާނު ކުރުމުން އެކަމަށް ދިހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވީ ހުޅުމާލޭ ހޮޓާ ގަންނަން 10 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފަސް ފަރާތަކުން ކަމަށާއި އެ ފަރާތްތާކާއި މަޝްވަރާ ކުރަމުން ދާކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި، ހޮޓާ ގަންނަން ވާހަކަ ދައްކަމުން އަންނަ ފަސް ކުންފުނީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެންމެ ކުންފުންޏެކަމަށެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެން ލިބޭނީ އެ ފަސް ކުންފުންޏަށް އެކަންޏެވެ. އެ މަރުހަލާ އަންނަ މަހު ނިމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް މިހާދު ވިދާޅުވި އެވެ.
މި ހޮޓަލަކީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި 2012 ވަނަ އަހަރު އެސްޓީއޯ އިން ހުޅުމާލޭގައި އަޅަންފެށި ފަސްތަރީގެ ހޮޓެލެކެވެ. ހޮޓާގެ މަސައްކަތް ދިގުލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކައިލަން މި ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. މީގެ ކުރިން، 2016 ގައި ވެސް އެ ހޮޓާ ވިއްކާލަން އެސްޓީއޯ އިން ވަނީ މަސައްކަތް ކޮއްފައެވެ. ހޮޓަލުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، ހޮޓާ ނިންމުމަށްޓަކައި ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ފަހުން ވަނީ ނަގާފައެވެ. ނަމަވެސް އަދިވެސް ހޮޓާ ނިންމާލެވިފައި ނުވެއެވެ. ހޮޓާގެ މަސައްކަތް އެއްކޮށް ހުއްޓިފައި ހުންނަތާ ވެސް މިހާރު ދެ އަހަރު ވެދާނެ ކަމަށް ބެލެވެ އެވެ.