ޖޯނީ އައިވް އެޕަލް ދޫކޮށް އަމިއްލަ ކުންފުޏަކާ ދިމާލަށް

ދުނިޔޭގައި މިވަގުތު އޮތް އެންމެ އަގުބޮޑު ކުންފުންޏަކީ އެޕަލް ކުންފުނި ކަމުގައި ހަދާދިން އައިފޯނު ފަރުމާކޮށްދިން ޖޯނީ އައިވް، އެޕަލް ކުންފުނި ދޫކޮށްލަން ނިންމައިފިއެވެ.

އައިފޯންއާއި، އައިމެކް އައި އައިޕޮޑްވެސް ފަރުމާކޮށްދިން ޖޯނީ އައިވް، އެޕަލް ކުންފުނި ދޫކޮށްލަން ނިންމާފައިވަނީ، އޭނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ލަވްފްރޮމް" ހިންގުމުގެ ބޭނުމުގައެވެ.

"ލަވްފްރޮމް"ގެ ފުރަތަމަ ކްލަޔަންޓަކީ އެޕަލް ކަމަށް ޚަބަރު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޖޯނީ އައިވް، އެޕަލް ކުންފުނި ދޫކޮށްލާނީ މިއަހަރުގެ ފަހުކޮޅުއެވެ.

"މިހާރު އެއޮތް ޓީމަކީ އެޕަލްގެ ތާރީހުގައިވެސް އެންމެ ވަރުގަދަ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ހުނަރުވެރި ޓީމް. އެ [ޑިޒައިން ޓީމުގެ] ލީޑާޝިޕްގެ ދަށުން އެ ޓީމް ހަމަ ޔަގީނުންވެސް ކުރި އަރާނެ. އަދި އަހަރެންނާއެކު އެޕަލްގައި މަސައްކަތްކުރާ އަހަރެންގެ ގާތް އެކުވެރިންނަށް ފުރިހަމައަށް އިތުބާރުކުރަން. އަދި ގިނަ އަހަރުތަކަށް އެމީހުންނާ އެކު މަސައްކަތް ކުރެވޭނެކަމަށް އުންމީދުކުރަން،" އައިވް ނެރުނު ބަޔާނުގައި ވެއެވެ.

އައިވް ވަނީ އެޕަލްގެ އުފެއްދުންތައް ޑިޒައިންކުރުމުގެ އިތުރުން އެކުންފުނީގެ އާ މައި އޮފީސް އެޕަލް ޕާކްއާއި އެޕަލް ސްޓޯރުތައް ޑިޒައިން ކުރުމުގައިވެސް ބައިވެރިވެފައެވެ. އަދި އައިފޯނާއި އައިމެކްގެ ސޮފްޓްވެއާއަށް ގެނައި ބަދަލުތަކުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

ޖޯނީ އައިވް އެޕަލް ކުންފުނި ދޫކޮށްލަން ނިންމާފައި މިވަނީ، އެ ކުންފުނީގެ ރީޓެއިލް ވިޔަފާރީގެ އިސްވެރިޔާވެސް މަގާމުން އިސްތިއުފާވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، މި ދަނޑިވަޅަކީ، އައިފޯނުގެ ވިޔަފާރި އިންތިހާއަށް ދަށަށް ދިއުމުގެ ސަބަބުން އިންވެސްޓަރުންވެސް އިންތިހާއަށް ކަންބޮޑުވެފައިވާ ދަނޑިވަޅެކެވެ.

ނަމަވެސް ޖޯނީ އައިވް ވަނީ، މިއީ އެޕަލް ކުންފުނި ދޫކޮށްދިއުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ