ލޯތްބަކީ އެންމެ ހީނުކުރާ ވަގުތުތަކުގައިވެސް ހިތުގައި އުފެދިދާނެ ޖަޒުބާތެކެވެ. އެއްލޭ ކަޅިއަކުން ފެންނަ އިންސާނަކަށް ހިތް ކިޔަން ފަށާފާނެއެވެ. ގިނަ ދުވަހު އެކުގައި އުޅުނު ރަހުމަތްތެރިއަކަށްޓަކައިވެސް ހިތުގައި މި ބުނި ޖަޒުބާތުއާވެގެން ގޮސްދާނެއެވެ. ހަމައެހެންމެ ތިމާ ނަފްރަތުކުރާ މީހަކަށްވެސް ހިތުގައި ހާއްސަ މަގާމެއް ދެވިދާނެއެވެ. ލޯތްބަކީ އެފަދަ އިހްސާސެކެވެ.
ރާއިފްއަށް އެންމެ ފުރަތަމަ ސާރާ ފެނުނީ ހުޅުމާލޭ އަތިރިމަތިންނެވެ. އެއީ ހުޅުމާލޭތެރެ ސާފުކުރަން އެތަށް ބަޔަކު މަސައްކަތް ކުރަމުން ދިޔަދުވަހެވެ. ސާފު ރާއްޖެއަކަށް ވާސިލްވުމަށް އާންމުން ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ.
ރާއިފްއަކީ ރާއިފްމެން ގްރޫޕްގެ ލީޑަރެވެ. ސާރާއަކީ އެ ގްރޫޕްގެ މެންބަރެކެވެ. އެހެން އަންހެން ކުދިންނެކޭ މާބޮޑު ތަފާތެއް ބަލާބެލުމަށް ސާރާގެ ނެތަސް ކޮންމެވެސް ހާއްސަ ގޮތެއް ހުރިކަން ރާއިފްއަށް ފާހަގަވިއެވެ. ލަދުން ކަމެއް ނުކުރެވިގެން، ނޫނީ ފަކުރުން ކުނި ނަގަން ނުކެރިގެން ސާރާ ނޫޅެއެވެ. ވާހަކަދެއްކުންތެރިކަމުންވެސް ފާހަގަ ކޮއްލެވެއެވެ. މަސައްކަތުގައި އަވަދިނެތި އުޅެމުންވެސް ރާއިފްއަށް ތަކުރާރުކޮށް ސާރާއާއި ދިމާއަށް ބަލާލެވެއެވެ. އެހެން ބަލާލެވޭ ފަހަރަކުވެސް ރާއިފްގެ ހިތްފުރޭހެން ހިއެއް ނުވެއެވެ. ބޭނުންވަނީ އިތުރަށް ސާރާއަށް ބަލާލުމަށެވެ. މަޑުމަޑުން ހުރެ ސާރާގެ ފޮޓޮއެއްވެސް ނަގާލެވުނީ އެހެންވެގެންނެވެ.
އެދުވަސް އެއްކޮށްހެން ރާއިފްއަށް ފެންނަ ފަށުގައި ސާރާ އުޅެފައި ގެއްލިގެން ދާނެ ވަގުތަކާއި ދޭތެރޭ ރާއިފް ވިސްނާފައެއް ނުވެއެވެ. އެހެން ކަމުން ސާފުކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އެންމެން ގެއަށް ދާން ހިނގައިގަތުމުން ރާއިފްގެ ހިތް މޭގެ ތެރޭގައި ތެޅިލިއެވެ. ދެން ސަރާ ފެންނާނެ ކަމެއް ނޭނގޭ ހާލުގައެވެ. އެނގެނީ ހަމައެކަނި ނަމެކެވެ. ހަމައެކަނި ނަމަކުން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަން އެނގޭތީއެވެ. ބައެއް ފަހަރު ގޮސް ސާރާއާއި ވާހަކަ ދައްކަންވެސް ރާއިފްގެ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ދައްކާނެ ވާހަކައެއް ރާއިފްގެ ހިތަކަށް ނައެވެ.
"ހާއި. ދެން ކޮން އިރަކު މިކަހަލަ އިވެންޓެއް އޮންނާނީ؟" ފޯނުގައި އިން ފޮޓޯއަށް ބަލަން ހުރި ރާއިފް ސިއްސައިގެން ދިޔައީ އަންހެން ކުއްޖަކު ވާހަކަ ދެއްކިއަޑަށެވެ. ރާއިފް ފަހަތަށް އެނބުރި ބަލާލިއެވެ. އެހާ ގާތުން ސާރާ ފެނުމުން ރާއިފްއަށް ހުރެވުނު ތަނެއް ހުދު ރާއިފްއަށްވެސް ނޭނގުނެވެ.
"ދެން މިކަހަލަ އިވެންޓެއް ނޯންނާނެތަ؟" އަނެއްކާވެސް ސާރާ އަހާލިއެވެ.
"އިވެންޓެއް ދޯ؟ އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. އެހެން ނޫނަސް ކޮންމެވެސް އެކަކު އިސްނަގައިގެން ފަށަންކަންނޭ ޖެހޭނީ ހަމަ މިފަހަރު މި ގެންދިޔަ ގޮތަށް. އެހެން ނޫންތަ؟" ރާއިފް ހިނިތުންވަމުން ސާރާއަށް ބަލާލިއެވެ.
އެއީ މުށިކުލައިގެ ކަޅިއެކެވެ. އެ ލޮލުގެ އެންމެ ފުންމިނަށް ފީނާލާހިތްވާ ކަހަލަ ހިތްގައިމު ރީތިލޮލެކެވެ. އެލޮލަށް ބަލަން އުމުރު ދުވަސް ހޭދަކޮއްލެވޭނެ ފަދަ ޖާދުލުން ފުރިގެންވާ ލޮލެކެވެ. މަތީތުންފަތްކައިރީ އިން ކަޅުތިލަވެސް ރާއިފްގެ ލޮލުގައި އަޅައިގަތެވެ.
"ތިބުނީ ތެދެއް. އެކަމަކު އެކަން އަމިއްލައަށް އިސްނަގައިން ކުރާނެ ބައެކޭ ނުވަނީ. މިއަދުގެ އިވެންޓް އެކަމަކު ވަރަށް ކާމިޔާބުދޯ؟" ސާރާ ވާހަކަ ދެއްކިއެވެ.
"ފެންނަ ފެނުމަށް ވަރަށް ކާމިޔާބު. ސާރާ ކިހިނެއް މި އިވެންޓަށް އެހާ ޝައުގުރެވިވީ؟" ރާއިފް އަހާލިއެވެ.
"ކިހިނެއް އަހަރެންގެ ނަން އެނގުނީ؟" ސާރާ ހައިރާންވިއެވެ.
"އަހަރެންނަކީ މި ގްރޫޕްގެ ލީޑަރެއްނު؟ އަހަރެންގެ އަތުގައި ނަން ލިސްޓެއް އޮންނާނެއެއްނު؟ ދެން ބުނެބަލަ މި އިވެންޓަށް އެހާ ޝައުގުވެރިކަން އުދެދުނު ގޮތެއް." ރާއިފް އަނެއްކާވެސް އަހާލިއެވެ.
"އެހެންދޯ އެވީ. ސާރާއަކީ ވަރަށް ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މީހެއް. ސާރާއަށް ވީ ވަރަކުން މިކަހަލަ ކަންތައް އަބަދުވެސް ކުރަން. އެއްދުވަހަކު ޓީވީއިން ފެނުނީ އިންޓަރވިއުއެއް. ހުޅުމާލެ ސާފުކުރާވާހަކަ އޭގަ ދެއްކީ. އެހާ ހިސާބުން ޝައުގުވެރިކަން އުފެދުނީ. ބައި ދަވޭ ކޮންނަމެއް ކިޔަނީ؟" ސަލާން ކޮއްލަން އަތްދިއްކޮށްލަމުން ސާރާ އަހާލިއެވެ.
"އަހަންނަށް ކިޔަނީ ރާއިފް. ވަރަށް އުފާވެއްޖެ ސާރާ ކަހަލަ ތިމާވެށި ހިމާޔަތްކުރަން ބޭނުންވާ ކުއްޖަކާއި ދިމާވީމަ." ޖަވާބުގައި ހިނިތުންވެ ސަލާން ކޮއްލަމުން ރާއިފް ބުންޏެވެ.
ސާރާގެ އަތުގައި ހިފާލެވުނު ވަގުތު ރާއިފްގެ ހިތް މޭގެ ތެރޭގައި އޮވެގެން އޮބިނޯންނަވަރަށް ތެޅެން ފެށިއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން އެހިތް ނުތެޅޭހާ ބާރުމިނުގައެވެ.
"އެއޮއް އައީ ޓެކްސީ. ދަނީ އިނގޭ." ސާރާ އެހެން ބުނެލަމުން ދުވަމުން ދުވަމުން ގޮސް ޓެކްސީއަށް އެރިއެވެ.
ރާއިފްއަށް އަނެއްކާވެސް ހުރެވުނީ ބަލާށެވެ. ދެން ދުވަހަކުވެސް ސާރާ ފެންނާނެބާއޭ ހިތަށް އަރާފައެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އުފަލުން ފޮޅެމުން ދިޔަ ހިތް މާޔޫސް ވެއްޖެއެވެ.
ދުވަސްތަށް މާޒީވަމުންދެއެވެ. ރާއިފްގެ ހިތުން ސާރާ ފޮހެލެވޭ ގޮތެއް ނުވެއެވެ. މަގުމައްޗަށް ނުކުތަސް ބެލެނީ ސާރާ ފެނޭތޯއެވެ. ސޯޝަލް މީޑިއާގައި ސާރާގެ ނަން ޖަހައިގެންވެސް ސާރާ ފެނޭތޯ ބެލިއެވެ. އެހެންނަމަވެސް އެކަންވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެވަރުންވެސް ރާއިފް ހިތްވަރުދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.
"އަހަރެންގެ ހިތްބުނޭ އަދި އަހަންނަށް ސާރާ ފެންނާނެއޭ. އަހަންނަށް އަދިވެސް ސާރާ ނޫން ކުއްޖަކާ ދޭތެރޭ ވިސްނޭވަރެއް ނުވޭ." ރާއިފް ވާހަކަދެއްކީ އޭނާގެ ރަހުމަތްތެރިޔާ މާއިޝް އާއެވެ.
"އެކަން އަހަންނަށް އެބަ އެނގެޔޭ. މޮޔައެއް ހެން މިހާރަކަށް އައިސް ތިއުޅެނީ އެހެންވެގެންކަން." މާއިޝް ވާހަކަ ދެއްކުން ހުއްޓާލީ ވެއިޓަރ ބިލް ހިފައިން އައިސް މޭޒުކައިރިއަށް ހުއްޓުމުންނެވެ.
މާއިޝް ވޮލެޓްނަގާ ވެއިޓަރއަތަށް ފައްސަތޭކައިގެ ނޫޓެއް ދިއްކޮއްލިއެވެ.
"އާނ ކީކޭ ރޯމިއޯ." މާއިޝް ރާއިފްއާއި ދިމާކޮއްލިއެވެ.
"ތިހެން ދިމާކުރަނިކޮށް ކަންނޭގެ މާދަމާ މާއިޝްއަށް ކުއްޖެއް ދެކެ ލޯބިވެވެނީ. އެދުވަހަކުން އަހަރެން ހުންނާނަން ދުރުގައި ދިމާކޮއްފައި ހޭން. މަޖާވާނެ އެދުވަހަކުން." ރާއިފްވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. "އަހަންނަކަށް ހިއެއް ނުވޭ އަހަންނަށް ތިހެން ވެދާނެހެން. އެއީ އަހަންނަކީ ފެންނަހާ އަންހެން ކުއްޖަކަށް ހިތްކިޔާނެ މީހެއް ނޫން. އަނެއްކާ މިޒަމާނުގައި މިއުޅޭ އަންހެން ކުދިންނަކީ އެއްވެސް އިތުބާރެއް ކުރެވޭނެ ބައެއް ނޫން. އަނެއްކާ އެ އުޅޭ އުޅުމޯ؟ ބޯ ހަލާކު. ލާ ހެދުންތަކާ، ބަސްމަގު ހުންނަ ގޮތާ، އަތުންފައިން ކަމެއް ކުރަން ނޭނގުމާ، މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ނިކަން ބަލާބަލަ ރާއިފްގެ ފަހަތުގައި ތިތިބަ އަންހެންކުދިންނަށް. މިހާރުވެސް އެއްކުއްޖަކު އެއިނީ ސިނގިރޭޓް ހިފާލާފަ. މިވަރުން ކިހިނެއް މިމީހުންދެކެ ލޯބިވާނީ؟" މާއިޝް ރާއިފްގެ ފަހަތުގައި ތިބި އަންހެން ކުދިންތަކަކަށް އިޝާރާތް ކޮއްލަމުން ބުންޏެވެ.
ރާއިފް ފަހަތަށް އެނބުރިލިއެވެ. ހައިރާންވުމުގެ ބަދަލުގައި ރާއިފްއަށް ހިނިތުންވެލެވުނެވެ. ސިނގިރޭޓެއް ހިފާލައިގެން ހަމަޖެހިލާފައި އިނީ ސާރާއެވެ.
"ސާރާ" ރާއިފްއަށް ބުނެލެވުނެވެ.
"ކޮބާ؟ ކޮބާ ސާރާ؟" މާއިޝްވެސް ޝައުގުވެރިކަން ފާޅުކުރިއެވެ.
"ސިނގިރޭޓް ބޯން އެއިނީ ސާރާ." ހިނިގަނޑެއް ޖަހާލަމުން ރާއިފް ބުންޏެވެ.
"ކަލޯ ހަމަތަ؟ އެ މަންޖެ؟ ތިއުޅެނީ ދުނިޔެއިން މޮޔަވާނެ ގޮތެއް ނޭނގިގެންތަ؟" މާއިޝް ހައިރާންވިއެވެ.
"އެކަހަލަ ކަންތައް ހުއްޓުވިދާނެ އެއްނު. މިވަގުތު އަހަރެން ބޭނުމީ އޭނައާއި ވާހަކަ ދެއްކޭނެ ގޮތެއް. ކިހިނެއްބާ ހަދާނީ." ރާއިފް އަހާލިއެވެ.
"ކޮންމެހެން ގޮތެއް ހަދަންޖެހޭތަ؟ ގޮއްސަ ހާއި އެއް ޖަހާލާފަ ވާހަކަ ދައްކަން ފަށާބަލަ. އޭނައަށް ރާއިފް އެނގޭނެއެއްނު." މާއިޝް ހިޔާލުދިނެވެ.
މާއިޝް ބުނި ގޮތް ހަދައިގެން ރާއިފް ގޮސް ސާރާ ކުރިމައްޗަށް ހުއްޓުނެވެ. ރާއިފްއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސާރާ ފުންމައިގެން ކޮޅަށް ތެދުވިއެވެ.
"ހާއި ރާއިފް. ކިހިނެއްތަ؟ ހާދަ ނުފެނެއޭ." ސާރާ ތެދުވިގޮތަށް ތެދުވެ ވަރަށް ފޯރީގައި ބުނެލިއެވެ. ރާއިފްގާތަށް ކުޑަކޮށް ހިނިވެސް އައެވެ.
"ވަރަށް ނުފެނެދޯ. އެހެންނުވާނީ ސާރާ ފިލައިން އުޅެންޏާ. އައިމް ގުޑް. ސާރާ ކިހިނެއްތަ؟" ރާއިފްގެ ހިތް މޭގެ ތެރޭގައި އޮވެގެން ނަށަމުން ދިޔައެވެ.
"ސާރާ ހަމަ ބެސްޓް. އޭ ތިމީހުން ދޭ އިނގޭ. ސާރާ ދާނީ ތަންކޮޅެއް ފަހުން." ސާރާއާއި އެކުގައި ތިބި ރަހުމަތްތެރިންނަށް އިޝާރާތް ކުރަމުން ސާރާ ބުންޏެވެ.
"އަހަރެން ހީނުކުރަން އަހަންނަށް ދެން ރާއިފް ފެންނާނެކަމަށް. ފަހުން ހިތަށް އެރި ވާހަކަ ދެއްކުނު ގަޑީގައި ނަންބަރުވެސް ނެގުނު ނަމައޭ." ޖެހިލުމެއް ނެތި ސާރާ ވާހަކަދައްކަމުން ދިޔައިރު ރާއިފް އަދިވެސް އުޅުނީ މޭގެ ތެރޭގައި ހިތް މަޑުނުކުރެވިގެންނެވެ.
"ދެން ކީއްވެގެންނޯ ނުނެގީ؟ ނެގި ނަމަ ވަރަށް ވާހަކަ ދެއްކުނީސް ކަންނޭގެ. ނޫންތަ؟" ރާއިފް ސާރާގެ ލޮލަށް ބަލާލަމުން ހިނިތުންވެލިއެވެ.
"ނުނެގުނީމަ ފަހުން ދެރަވިއޭ. ވަރަށް ބެލިން ރާއިފް ފެނޭތޯ ފަހުން. އެކަމަކު މިއަދާ ޖެހެންދެން ނުވި." ސާރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އެއީ ކީއްވެގެންނޯ އެހާ ދެރަވީ؟" ރާއިފް ވިސްނާލަމުން ސުވާލު ކޮއްލިއެވެ.
"ދެރަވާނެއެއްނު. އެދުވަހުގެ ފަހުން އަހަންނަށް މުޅިންވެސް ވިސްނެނީ ރާއިފްއާއި ދޭތެރޭ ވިއްޔާ." ކުއްލި ގޮތަކަށް އެ ޖަވާބު އަޑުއިވުމުން ރާއިފްއަށް ހުރެވުނުތަނެއްވެސް ނޭނގުނެވެ.
"ރާއިފް ސައިކަލުގަތަ؟ ހިނގާބަ ދުއްވާލަން. މިތަން ފޫއްސެއްނު." ސާރާ އެހެން ބުނެލުމާއި އެކު ފަހަތުން މާއިޝް ކަރުކެހިލަމުން ސައިކަލު ތަޅުދަނޑި ރާއިފްއަށް ދިއްކޮއްލިއެވެ.
އެރޭ ވެގެން ދިޔައީ ރާއިފްގެ ދިރިއުޅުމަށް އުފާވެރިކަން ގެނައި ރެއަކަށެވެ. ހިތުގައި ޖަޒުބާތުތަކެއް އުފެދުނީ ހަމައެކަނި ރާއިފްގެ ނޫންކަން އެނގުމުންނެވެ. ރާއިފްގެ ހިތް ސާރާއަށް ބޭނުންވި ވަރަށް ސާރާވެސް ރާއިފްއަށް ބޭނުންވިކަން އެނގުމުންނެވެ. ރެއާއި ދުވާލު ހިތްއެދި ބޭނުންވެގެން ގޮވަމުން އައި ލޯބި ލިބުމުންނެވެ.
ދުވަސްތަށް އުފަލުގައި ހޭދަވަމުން ދިޔައެވެ. ލޯބިން އެކުއެކީގައި ދެމީހުން އުޅެމުން ދިޔައެވެ. ކައިވެންޏަކަށް އިސްވެ އެދުނީ ސާރާއެވެ.
"އަހަންނަށް ދެން ރާއިފްއާއި ދުރުގައި އެންމެ ވަގުތު ކޮޅަކުވެސް ކެތެއް ނުވާނެ. އަހަރެން ބޭނުމީ އަބަދުވެސް ރާއިފް ފެންނަ ފަށުގައި ހުންނަން. އަހަރެން ބޭނުމީ ރާއިފްގެ ގަމީސްތަށް ލާން. ރާއިފްގެ ބޮޑީ ސްޕްރޭ ޖަހަން. ހެނދުނުލޯ ހުޅުވޭ ވަގުތު ރާއިފް ފެންނަން. ކޮންމެ ރެއަކު ރާއިފްގައިގަ ބައްދާލައިގެން އޮއްވާ ނިދެން. ރާއިފް އަހަންނާ އިންނާނަންތަ؟" ސާރާގެ ސުވާލުން ރާއިފްއަށް އިންތިހާއަށް އުފާވެރިކަން އިހްސާސްކުރެވުނެވެ.
"އާންމުކޮށް ތި ސުވާލު ކުރަނީ ފިރިހެން ކުއްޖާއެއްނޫންތަ؟" ރާއިފް ހީލަމުން ސާރާގެ ކޮލުގައި ހިފާލިއެވެ.
"ދެން ރާއިފް ނޭހީމައެއްނު ސާރާ މިއެހީ. ދެން އެއްބަސް ވެބަލަ." ކުޑަކުއްޖެއް ފަދައިން ތުންދަމަމުން ސާރާ އެދުނެވެ.
"ސާރާއަށް އެނގޭތަ ކައިވެންޏަކީ ކިހާވަރެއްގެ ކަމެއްކަން؟ އަނެއްކާ އަހަންނަކީ އަހަރެން މަންމަގެ ހުރި ހަމައެކަނި އެންމެ ފިރިހެން ދަރިއެއް. އަހަންނަށް ކައިވެންޏަށް ފަހުވެސް އަހަރެންގެ މަންމަ އަދި އާއިލާ ދޫކޮށެއް ނުލެވޭނެ. އަހަރެން އުޅެން ބޭނުމީ އަހަރެން މަންމަ ކައިރީގައި. އެގޮތް ސާރާއަށް އެންމެ ރަނގަޅުތަ؟" ރާއިފް ބޭނުންވީ ހުރިހާ ކަމެއް ކައިވެނީގެ ކުރިން ސާރާއަށް ކިޔާދޭށެވެ.
"އަހަންނަށް އޯކޭއޭ. އަހަރެން މިހިރީ ރާއިފްއާއި އެއްކޮށް. ރާއިފްއަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅު އަޅަން ތައްޔާރަށް. އަހަރެން ޝަކުވާއެއް ނުކުރާނަމޭ މަންމަމެންނާއި އެއްކޮށް އުޅޭކަށް." ސާރާ ބޭނުންވީ ކައިވެނިކުރާށެވެ.
"ސާރާއަށް އެނގޭތަ ސާރާ ސިނގިރޭޓް ބުއިން ހުއްޓަންވެސް ޖެހޭނެކަން؟" ރާއިފް ޖެހިލުންވެ ހުރެ ބުނެލިއެވެ. އޭރުވެސް ސާރާގެ އަތުގައި ސިނގިރޭޓެއް އޮތެވެ.
"އޯކޭ ހުއްޓާލާނަން. އެކަމަކު އެކަމަށް ދުވަސްކޮޅެއް ދީ. ޕްލީޒް." ސާރާ އެދުނެވެ.
ކުޑަ ހަފްލާއެއްގެ ތެރެއިން ކައިވެނީގެ ހުރިހާކަމެއް ކުރެވިގެން ދިޔައެވެ. ރާއިފްގެ މަންމައަށް ސާރާ ކަމުނުދިޔަ ނަމަވެސް ދަރިފުޅުގެ އުފަލަށްޓަކައި އެކައިވެންޏަށް މަރުހަބާ ކިޔެއެވެ. އަދި އުފަންދަރިންނެކޭ އެއްފަދައިން ސާރާއަށްވެސް ލޯބި ދިނުމަށް ރާއިފްގެ މަންމަ ފާތުމަ ހިތުގައި އަޒުމު ކަނޑައެޅިއެވެ.
"ކޮބާ. ކައިވެނި ކުރެވުނީ. ހެޕީތަ؟ އަހަރެންވަރަށް އުފަލުން މިހުރީ. އަހަރެން އަބަދުވެސް ބޭނުންވި ސާރާ އަހަރެންގެ ކައިރީގައި ބައިންދަން. ތި ލޯބި ލޯބި އިސްތަށިގަނޑު ގަތާދޭން. އަހަރެންގެ އުނގުގައި ބައިންދާލަން. މިހާރު އަހަރެން ބޭނުން ކަމެއް އަހަންނަށް ކުރެވޭނެ. އަހަރެން ވަރަށް ލޯބިވޭ ސާރާދެކެ. އެކަން އެނގޭތަ؟" އެރޭ ރާއިފް ސާރާގާތު ބުންޏެވެ.
ރާއިފްވެގެން ދިޔައީ ވަރަށް ފުރިހަމަ ފިރިއަކަށެވެ. ކޮންމެ ކަމެއްގައިވެސް ސާރާއަށް އެހީތެރިވަމުން ދިޔައެވެ. މަންމަ ގެ ޝަކުވާތަކަށްވެސް ކެތްތެރިވަމުން ދިޔައީ ސާރާދެކެ ލޯބިވާވަރުންނެވެ.
"ދަރިފުޅާ. ސާރާ ގާތު ބުނެބަލަ ތަންކޮޅެއް ނިވާކަން ބޮޑު ހެދުންތަށް ލާން. މިހާރު އެއީ މީހެއްގެ އަންތްބެއްކަން އެ މަންޖެއަށްވެސް އެނގެންވާނެއެއްނު." ފާތުމައަށް ސާރާ ކުރުހެދުންލާތީ ކަމަކު ނުދެއެވެ. ކޮންމެފަހަރަކުވެސް ސާރާގާތު އެވާހަކަ ދެއްކުމުން އެއްވެސް ބަދަލެއް އަންނަތަނެއް ނުފެނެއެވެ. ކައިވެންޏަށް އަހަރެއް ވީއިރުވެސް ސިނގިރޭޓް ބުއިންވެސް ނުހުއްޓެއެވެ. އެކަމާވެސް ރާއިފް ކެތްތެރިވެގެން ހުންނަނީއެވެ. މާގިނައިން އެވާހަކަ ދައްކަންވެއްޖެ ނަމަ ސާރާ ހިތްހަމަ ނުޖެހިދާނެތީއެވެ.
ދުވަސްތަށް މިފަދަ ގޮތަކަށް ފާއިތުވަމުން ދިޔައެވެ. ފާތުމައަށް ސާރާ ސިނގިރޭޓްބޯކަން އެނގިއްޖެއެވެ. އެކަމާ ފާތުމަ ވަރަށް ހިތްހަމަނުޖެހުނެވެ. އެވާހަކަވެސް ރާއިފްއާއި ދެއްކިއެވެ.
"މަންމާ، އަޅުގަނޑަށް އެނގޭ. ސާރާއަށް އެކަން ހުއްޓަން ވަގުތުކޮޅެއް ދޭންވާނެއެއްނު؟" ރާއިފް ބޭނުންވީ މަންމައާއި އަނބިމީހާވެސް ހިތްހަމަޖައްސުވަދޭށެވެ. ނަމަވެސް އެކަން ވީ ވަރަށް އުނދަގޫކަމަކަށެވެ.
"ރާއިފް އަހަންނަށް އެއްކަލަ ޖޮބް ހަމަޖެހިއްޖެ. އަހަންނަށް ޓްރެވެލް ކުރެވޭނެ. ޔޭ." ރާއިފް ފެނުމާއި އެކު ސާރާ އުފަލުން ނަށަންފެށިއެވެ.
"އަދި އެނގޭތަ؟ އަހަރުމެންނަށް ވަކިން އެޕާރޓްމެންޓެއް ވެސް ލިބޭނެ. ކިހާ ސަޅި." ސާރާ ވާހަކަ ދެއްކިއެވެ.
"ވަކި އެޕާރޓްމެންޓެކޭ؟ ސާރާއަށް ރަނގަޅަށް އެނގޭނެ އަހަރެން މަންމަ ދޫކޮއްލާފައި ނުދާނެކަން. ޕްލީޒް. އަހަރެން ކައިރީ ނުބުނާތި މިގެއިން ދާން. އެކަން އަހަންނަކަށް ނުވާނެ." ރާއިފް ފުރަތަމަ ފަހަރަށް ހިތްހަމަނުޖެހުނެވެ.
"އެއީ ކީއްވެގެން؟ އުމުރު ދުވަހު މިގޭގައި އުޅެވޭނެތަ؟ ކޮންމެވެސް ދުވަހަކުން ދާން ޖެހޭނެއެއްނު؟" ސާރާގެ އަޑުބާރުވަމުން ދިޔައެވެ.
"ސާރާ ވިސްނާލަބަލަ. މިގޭގައި ސާރާއަށް ކޮންކަމެއްތަ މަދުވަނީ؟ މަންމަމެން ކިހާ ދެރަވާނެ ތިހެން ބާރަށް ވާހަކަ ދައްކަނިކޮށް އަޑު އިވުނިއްޔާ. އަޑު މަޑުކޮއްގެން ވާހަކަ ދައްކަބަލަ. ސާރާ . އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ. ސާރާއާއި ވަކިވުމަކަށް އަހަރެން ހުވަފެނުގައިވެސް ނޭދެން." ރާއިފް ސާރާއަށް ވިސްނަދޭން މަސައްކަތްކުރިއެވެ. ނަމަވެސް މަސައްކަތްވީ ބޭކާރެވެ.
ހެދުންތަށް ފޮއްޓަށް އަޅައިން ސާރާ ނުކުމެގެން ހިނގައިގަތީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ. ސާރާއަށް ހީވާގޮތުގައި ސާރާއަކީ ފިޔަގަނޑު ކޮށާލެވިފައިވާ ދޫންޏެކެވެ. ކިތަންމެ ވަރަކަށް އުދުހެން ބޭނުންވިނަމަވެސް އެގޭގައި ސާރާއަކަށް ނުއެއް އުދުހެވޭނެއެވެ.
"މަންމާ އަހަންނަށް ހަމަ ހަގީގަތުގައިވެސް ސާރާއާއި ނުލާ ނުއެއް އުޅެވޭނެ. އަހަރެން ސާރާދެކެ އިންތިހާއަށް ލޯބިވޭ. ސާރާ ކިހިނެއްތަ އެހޭ ފަސޭހައިން އަހަރެން ދޫކޮއްލާފަ އެ ދިޔައީ. އަހަންނަކީ ސާރާއަށް އެއްވެސް މީހަކަށް ނުވަނީތަ؟ މަންމައަށް އެނގޭތަ. އެންމެ ފުރަތަމަ ސާރާ ފެނުނު ދުވަހު އަހަންނަށް ސާރާދެކެ ލޯބިވެވުނު. ސާރާއާއި ނުލާ މިއަދު އަހަރެން ފަޅި ސިކުންތެއް ހޭދަކުރަން ޖެހުނީމަ ހީވަނީ ނޭވާލާންވެސް އުނދަގޫވާހެން. މަންމާ. އަހަރެން ސާރާ ބޭނުން." ރާއިފް އޭނާގެ މަންމަގެ ގާތުގައި ރޮމުން ދިޔައެވެ.
ސާރާގެއިން ނުކުމެގެން ދިޔަތާ ދެދުވަސް ވީއެވެ. ރާއިފްގެ ކަމަކީ އަބަދުވެސް ކޮޓަރިތެރޭގައި އިނދެގެން ރުއިމެވެ. އަނެއްކޮޅުން ރާއިފްމަތިން ހަނދާން ކުރުމަށްފަހު ރުއިން ނޫންކަމެއް ސާރާވެސް ނުކުރެއެވެ. ދެމީހުންވެސް މަޑުކޮއްގެން ތިބީ އަނެކާ ގުޅާނެކަމަށެވެ. ހިތުގައި އަޅަމުން ދިޔަވޭނަށް ކެތްނުވާ ހާލުގައެވެ.
އެދުވަހުގެ ހަވީރުގެ ވަގުތެވެ. ސާރާ އޭނާގެ ރަހުމަތްތެރިޔަކާއި އެކު ހޮސްޕިޓަލަށް ދިޔައީ ބޯ އަނބުރާ މާ ގަދަޔަށް ހޮޑުލެވޭތީއެވެ. އެދެދުވަހު ނުކެވޭތީ ވާކަމެއްކަމަށް ހީކޮށެވެ.
ސާރާ އެޑްމިޓްކުރެވުނީ ގައިންވަރުދޫވެ ހުއްޓާނުލާ ހޮޑުލާތީއެވެ. އިތުރަށް ޓެސްޓުތަށް ހެދުމުން ސާރާ ބަނޑުބޮޑުކަން އެނގުނެވެ. އެވަރުގެ ބޮޑު އުފަލެއް ލިބުނު ވަގުތު އެންމެ ގާތުގައި ހުންނާނެކަމަށް އުއްމީދު ކުރެވުނު ރާއިފް ނެތުމުން ސާރާއަށް ރޮވެން ފެށުނެވެ.
"ރީޝްއަށް އެނގޭތަ؟ އަހަރުމެން އަބަދުވެސް ބޭނުންވި ދަރިއެއް. އަހަންނަށްވުރެ ބޮޑަށް އެކަމަށް ބޭނުންވީ ރާއިފް. އަހަރުމެން ދެމީހުން އެކުގައި އުޅުމަށް ހާދަ ހުވަފެންތަކެއް ދެކުނީމޭ. މިއަދު އެ ހުރިހާ ކަމެއް ހަނދާން ވީމަ އަހަންނަށް ލިބެނީ ހިތްދަތިކަން. ރާއިފް އެންމެ ފަހަރަކުވެސް އަހަންނަށް ގުޅާނުލާ އަހަރެން ކިހިނެއްތޯ ބަލާލަންވެސް. ރާއިފް އަހަރެންދެކެ ލޯބި ނުވަނީތަ؟" ސާރާ ޝަކުވާ ކުރީ ރަހުމަތްތެރިޔާގާތުގައެވެ.
"ސާރާ. ސާރާ އެންމެ ފަހަރަކުވެސް ގުޅާލިންތަ ރާއިފް ކިހިނެއްތޯ ބަލާލަން؟ ސާރާއަށް ރާއިފް ކުއްވެރިކުރެވެން އެބައޮތްތަ؟ އެހެން ނޫނަސް އަހަންނަށް އެނގޭ ތި ދެމީހުންނަށް އެކަކު އަނެކަކާއި ނުލާ ނޫޅެވޭނެކަން. ދެމީހުންވެސް ގޮތްދޫކުރަންވީ އެއްނު؟ ސާރާ ވިސްނާލަބަ. ތި ހަބަރު ލިބުނީމަ ރާއިފް ކިހާ އުފާވާނެ. ދެންވެސް ރާއިފްއަށް ގުޅާބަލަ" ރަހުމަތްތެރިޔާ ހިޔާލުދިނެވެ.
ސާރާ ގުޅާތަން ފެނުމާއި އެކު ރާއިފް ފުންމައިގެންގޮސް ފޯނު ނެގިއެވެ. "ސާރާ ކިހިނެއްތަ؟ ސާރާ އަހަންނަށް މައާފްކުރޭ." ރާއިފްގެ އަޑު ބެދެންފެށިއެވެ.
"އަހަރެން މިއޮތީ ހޮސްޕިޓަލުގައި. ރާއިފް އައިސްދީ ފާނަންތަ؟" ސާރާ އެހެން ބުނުމާއިއެކު ރާއިފްގެ ހިތް ބިރުގަތެވެ. ސާރާއަށް ވީގޮތެއް ނޭނގިގެންނެވެ.
ހޮސްޕިޓަލަށް ވަދެވުނުއިރުވެސް ރާއިފް ހުރީ ބިރުންނެވެ. ސާރާފެނުމާއި އެކު ދުވެފައި ގޮސް ސާރާ ގައިގާ އޮޅުލައި ގަނެވުނީ ހުރިތަނެއްވެސް ހަނދާނުގަ ނެތްފަދައިންނެވެ.
"ނުކަނީދޯ؟ އެންމެ ދެދުވަސްތެރޭ ބަލާބަލަ މީހާއަށް އައިއްސަ ހުރި ބަދަލު. ދޫކޮއްލީމަ ހިނގާ އަހަންނާއި އެކު ގެއަށް. އަހަންނަށް ސާރާއާއި ނުލާ އެންމެ ފަޅިސިކުންތަކުވެސް ދެން ނޫޅެވޭނެ. ސާރާއާއި ނުލާ އަހަރެން މިދުނިޔެއަށް ދޫކޮއްލަންޖެހޭ ކޮންމެ ނޭވާއެއް އަހަންނަށް ވޭނަކަށް ވެއްޖެ. އަހަންނަށް މިހާ ވޭންނުދީ އަހަރެންގެ ދިރިއުޅުމަށް އަނބުރާ އާދެބަ. ހެޔޮ ނުވާނެ" ރާއިފްގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެ މަންޒަރު ފެނިފައި ސާރާގެ ހިތުގައި ވެސް ޖެހުނެވެ.
"އައިމް ސޮރީ. ތާކުން ތާކު ނުޖެހޭ ކަމަކާ ސާރާ އެހާ ރުޅިއައީ. ސާރާއަށްވެސް ރާއިފްއާއި ނުލާ ނޫޅެވޭނެ. ދެން ދުވަހަކުވެސް އެގޮތަށް ރާއިފް ދޫކޮށްފައެއް ނުދާނަން. ރާއިފްއަށް ނޭނގުނަސް ސާރާވެސް ރާއިފްދެކެ ވަރަށް ލޯބިވޭ. ރާއިފްއަށްޓަކައި، އަދި މި ދަރިފުޅަށްޓަކައި އަހަރެން ދެން ސިނގިރޭޓެއްވެސް ނުބޯނަން." ބަނޑުގައި އަތްޖައްސާލަމުން ސާރާ ބުންޏެވެ.
އުފަލުން ގޮސް ރާއިފްއަށް ފުންމަން ފެށުނެވެ.
"ޔެސް ޔެސް ޔެސް. އައި ލަވްޔޫ ސާރާ. ވަރަށް ބޮޑަށް. ވަރަށް ވަރަށްބޮޑަށް." ރާއިފް ސާރާގައިގާ އޮޅުލައިގަތެވެ. އެވަރުގެ އުފަލެއް ދުވަހަކުވެސް އޭނާއަށް ނުލިބޭފަދައިންނެވެ.
"ދުވަހެއްގެ ކޮޅުންވެސް އަހަރެން ނޭދެން ސާރާއާއި ވަކިވާކަށް، އުމުރު ދުވަހުވެސް އަހަރެން ސާރާއާއި އެކު ވާނަން. ޖެހޭ ކޮންމެ މައްސަލައެއް ހައްލުކުރަން އަހަރެން މަސައްކަތް ކުރާނަން. އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ." ރާއިފް އުފަލުން ހިނިތުންވެލިއެވެ. ސާރާ އަނބުރާ އޭނާގެ ހަޔާތަށް އުފާވެރި ހަބަރަކާއި އެކު އައުމުންނެވެ.
-ނިމުނީ-
4 Responses
aslahvess vrh reethi waahaka eh …waahaka thankolheh dhigu kohlinama…waahaka kiyaafa rovey goi vee…
❤ vaahaka miah vure dhigu nama ey hithah eri
??? ……ހަބޭޟް
Aslu ves mi vahaka aky kurunama ves vr rythi vahaka eh…unmeedhu kuran adhi mifadha vahaka thakeh kiyalumuge furusathu libeyne kamah…