ސަރުކާރުގެ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާގައި ސީޓީ ސްކޭން އަދި އެމްއާރުއައިގެ ޚިދުމަތް ދިނުމަށް ތައްޔާރުވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިކަން ހާމަކުރައްވާފައިވަނީ، "ރައްޔިތުންގެ ޚިދުމަތުގައި ސިފައިން" ގެ ނަމުގައި މިއަދު ހެނދުނު އެ ސަރވިސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ.
އެމްއެންޑީއެފްގެ ސަރވިސް ކޯގެ ކޮމާންޑަރ ވިދަޅުވީ، ސެނަހިޔާ ހޮސްޕިޓަލުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ޚިދުމަތް ދިނުމަށްޓަކައި ޚިދުމަތް ތަރައްޤީކުރާނެ ލޮކޭޝަން ކަނޑައެޅިފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ސެނަހިޔާ ހޮސްޕިޓަލުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިސްޓެބްލިޝްކުރަން ފައްޓާނަން މިތަނުގައި ސީޓީ ސްކޭން އަދި އެމްއާރު އައިގެ ޚިދުމަތް ދިނުމަށްޓަކައި މަސައްކަތް ފަށާނަން." ސަރވިސް ކޯގެ ކޮމާންޑަރ ވިދާޅުވިއެވެ.
ސެނާހިޔާގައި ސީޓީ ސްކޭން އަދި އެމްއާރު އައި ޚިދުމަތް ފެށުމުގެ އިތުރުން ރާއްޖެތެރޭގެ ރަށްތަކުގައި ޚާއްޞަ މެޑިކަލް ކޭމްޕްތަކެއް ފެށުމަށްވެސް އެމްއެންޑީއެފް އިން އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން، ސްޕަރ ސްޕެޝަލިސްޓުންނާއެކު މިއަހަރުގެ ތެރޭގައި މި ކޭމްޕްތައް ފަށްޓަވާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.



