ލަލީގާގައިރޭ އެތުލެޓިކް ކްލަބް އަދި ބާސާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ދެވަނައިގައި އޮތް ރެއަލްއަށް ތައްޓާއި ވާދަކުރުމަށް އާ އުންމީދެއް ލިބިގެން ހިނގައްޖެއެވެ. މިދެޓީމު ދެމެދު 6 ޕޮއިންޓްގެ ތަފާތެއް އޮތްއިރު 51 ޕޮއިންޓާއިއެކު ބާސާ އޮތީ ތާވަލްގެ އެއްވަނައިގައެވެ. އަދި ރެއަލް ދެވަނައިގައި އޮތީ 45 ޕޮއިންޓާއެކުގައެވެ.
މިސީޒަންގައި މިހާތަނަށް 29 ލަނޑު ކާމިޔާބުކޮށްދީފައިވާ މެސީއަށްވެސް މިމެޗުގައި ލަނޑެއްކާމިޔާބުކޮށް ދެވިފައިނުވާއިރު އެންމެ ރަނގަޅު ފުރުޞަތު ލިބިގެންވެސްދިޔައީ މެސީއަށެވެ. ދެވަނަ ހާފްގައި ބިލްބާއޯގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ދިޔައިރު ނުރައްކާތެރި ހަމަލާތަކެއްވަނީ އުފައްދާފައެވެ. އިތުރު ވަގުތުގައި އެޓީމުގެ އޮސްކަރ އަށް ދެއްކި ރަތް ކާޑާއިއެކު ބިލްބާއޯއިން މެޗުނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.
ބާސާގެ ހުރިހާ ޝުކުރެއްވެސް ހައްޤުވަނީ ކީޕަރ ސްޓެގަންއަށެވެ. މިމެޗުން ބާސާ ބަލިނުވެ ނިންމާލެވުނީ ސްޓެގެން މޮޅުކުޅުމުންނެވެ. އެގޮތުން ބިލްބާއޯގެ ސުސެޓާ ދުރުން ފޮނުވާލި ބާރު ބޯޅަ ދިފާއުކޮށްފައިވާއިރު އޭގެ ކުޑައިރުކޮޅެއް ފަހުން އިނަކީގެ ނުރައްކާތެރި ހަމަލާއެއްވެސްވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ބާސާގެ ސަމޭޑޯ ބިލްބާއޯގެ ޕެނަލްޓީ އޭރިއާތެރެއަށް ވެއްޓުނު ނަމަވެސް އެއީ ފައުލެއް ނޫންކަމަށްބަލައި ރެފްރީ މެޗު ނިންމާލިއެވެ. ނުތަނަވަސްވެފައިވާ ބާސާގެ ކުޅުންތެރިން އެއީ ޕެނަލްޓީއެއްކަމަށް އެޕީލްކުރުމުން ވީއޭއާރު ގެ އެހީގައި ރެފްރީ އެހާދިސާ އަލުން ބެލިނަމަވެސް އެހާދިސާގައި ފައުލްވެފައި ނެތުމުން ބާސާއަށް ޕެނަލްޓީ ލިބޭގޮތްވަނީ ނުވެފައެވެ.
ބާސާއިން ބަލިނުވެ 11 މެޗު ހަމަކޮށްފައިވާއިރު ދެވަނަގައި އޮތް ރެއަލްގެ މައްޗަށް 8 ޕޮއިންޓްގެ ތަފާތެއް ނެގެން އޮތް މިފުރުޞަތު ބާސާއިންވަނީ ގެއްލުވާލާފައެވެ. އަދި 2018 ފެބްރުއަރީ ގައި ގެޓަފޭއާއެކު 0-0 ގެ ނަތީޖާއަކުން އެއްވަރުވިފަހުން ލަލީގާގައި ބާސާއިން ލަނޑެއް ކާމިޔާބުނުކުރެވި މެޗު ނިންމާލިމީ ފުރަތަމަ މެޗެވެ.




