ރައީސްއާ ފަނިކުރަން އެކަކަށްވެސް ޖާގަ ނުދޭނަން – ޤާސިމް

ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާ އެކުގައި ކަމަށާއި، ޖުމްހޫރީ ޕާޓީއާ ރައީސް ޞޯލިހް އަ ދޭތެރެ ފަނިކުރަން އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓް އިތުރު ފަރާތްތަކަށް ދިނުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ޤާނޫނީ އިމުގެ ތެރޭގައި ވެރިކަން ކުރައްވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފުނުވާ ކޮންމެ ކަމެއްވެސް ރައީސް ޞޯލިޙާއި އަތާއި އަތް ގުޅާލައި، ރައީސް އާ އެކުގައި ކުރުމަށް ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށެވެ.

"ހަމަ ކަށަވަރު އަޅުގަނޑުމެން ތިބޭނެކަން. އެހެންވީމަ މިކަމާ ދޭތެރޭ ފަނިކުރަން މީހަކު އުޅުނަސް އެކަމެއް ނުވާނެ ހަމަ އެއްވެސް މީހަކަށް އިނގޭތޯ. މާތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ފުރުޞަތެއް ނުދޭނަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި އަމާން އަމާންކަމާއި، މިނިވަންކަމާއި، އިސްތިޤްލާލު ދަމަހައްޓައި، ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް އަދާކޮށްދެމުން، އިންސާފުވެރިކަމާއެކު ކަންތައްތައް ކުރެއްވުމުގެ އުޞޫލުތައް ރައީސް ޞޯލިޙް ގެންގުޅުއްވާނަމަ އަދި މީހުންގެ ހައްޤުތަކަށް އަރައިނުގަނެ ކަންތައްތައް ކުރެވެމުން ދާނަމަ ޖުމްހޫރީ ޕާޓީ އޮންނާނީ ރައީސް ޞޯލިހާ އެކުގައި ކަމަށެވެ.

ރައީސް އާ ޖުމްހޫރީ ޕާޓީއާ ދެމެދަށް ފަނިކުރަން އެއްވެސް މީހަކު ވަންނަން ޖާގަ ނުދެއްވާނެކަމަށް ޤާސިމް ވިދާޅުވި ނަމަވެސް މަޖިލީހުގެ މެޖޯރޮޓީ އެއް ޕާޓީއަކަށް ދިނުމާ ދެކޮޅަށް ޤާސިމް ރޭގެ ހަފްލާގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ގެންދިއުމާވެސް ދެކޮޅަށް ޤާސިމް އަޑު އުފުއްލަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ