ސުއަރޭޒަށް ނޭމާ ހިތްވަރު ދީފި

ކޮޕާ އެމެރިކާ ކުއާޓާގައި އުރުގުއާއީ ޕެރޫއަތުން ދަށްވި މެޗުގައި ޕެނަލްޓީ މިސްކޮށްލި އުރުގުއާއީގެ ފޯވާޑު ލުއިސް ސުއަރޭޒަށް ބްރެޒިލްގެ ތަރި ނޭމާ ހިތްވަރުގެ މެސެޖެއްދީފިއެވެ.

ޕެނަލްޓީއިން 4-5 ގެ ނަތީޖާއަކުން އުރުގުއާއީ ދަށްވި އެމެޗުގައި ސުއަރޭޒް ޕެނަލްޓީ ނޫން އެހެން ހުރިހާ ޕެނަލްޓީއެއްވަނީ ކާމިޔާބުވެފައެވެ. ސުއަރޭޒްގެ ޕެނަލްޓީވަނީ ޕެރޫގެ ކީޕަރު ގަލެސެ ދިފާޢުކޮށްފައެވެ.

މެޗުން ދަށްވެ މުބާރާތުން އުރުގުއާއީ ކެޓުމާއެކު، ބާސެލޯނާއަށް ކުޅެމުން އަންނަ ސުއަރޭޒްގެ ލޮލުން ކަރުނައެވެ.

"ތެދުވޭ. މުބާރާތުގައި ސުއަރޭޒް ދެއްކީ މޮޅު ކުޅުމެއް. އަހަރެން އަބަދުވެސް ލޯބިވޭ ރަޙްމަތްތެރިޔާ" ސުއަރޭޒް ރޯން ހުރި ވީޑިއޯއަކާއެކު ނޭމާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައިވެއެވެ.

ނޭމާ ޝެއާކޮށްފައިވާ އިންސްޓަގްރާމް ސްޓޯރީ

ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައި ނެތުމުން ޕެނަލްޓީ ޖަހައިގެން އުރުގުއާއި އަތުން ޕެރޫ މޮޅުވި މިމެޗުގައި ޕެރޫއަށް އުރުގުއާއީ ގޯލާ އަމާޒުކޮށް އެންމެ ޙަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗުގައި އުރުގުއާއިންވަނީ އޮފްސައިޑް ތިން ލަނޑުޖަހާފައެވެ. އެހުރިހާ ލަނޑެއްވެސްވަނީ ރެފްރީ ކެންސަލްކޮށްފައެވެ.

މުބާރާތުގެ ތާރީޚަށް ބަލާލާއިރު މިމުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އުރުގުއާއީންނެވެ. އުރުގުއާއީން މިމުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވެއެވެ. އަދި ދެވަނަގައި އޮތް އާޖެންޓީނާ މިމުބާރާތްވަނީ 14 ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ ދެއަހަރު ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށްދިޔަ ނޭމާ އަންނަ ސީޒަންގައި ބާސެލޯނާއިން ފެންނާކަމަށް ވަރަށް ގިނަ ސަޕޯޓަރުން އުންމީދުކުރެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ނޭމާ ބާސެލޯނާއެކު އެއްބަސްވުމަކަށްވެސް މިހާރުވަނީ އައިސްފައެވެ.

ބްރެޒިލްގެ އެންމެ އުންމީދީ ކުޅުންތެރިޔާ ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއެކު މިފަހަރުގެ ކޮޕާ އެމެރިކާގައި ބައިވެރިވެވޭގޮތްވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ