އެންގުންތަކަށް ތަބާ ނުވާނަމަ، ފުލުހުން މެދުވެރިކޮށް ހުއްޓުވާނަން – ޝަރީފް

އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު، އަންގާ އެންގުންތަކަށް ތަބާ ނުވާނަމަ ފުލުހުން މެދުވެރިކޮށް އެކަންކަން ހުއްޓުވާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ދެއްވައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އީސީއަށް ރަސްމީކޮށް ހުށަހެޅޭ ޝަކުވާތަކަށް އީސީ އިން ފިޔަވަޅު އަޅާނެ ކަމަށާއި، އީސީގެ އެންގުމާ އެއްގޮތަށް އިސްލާހު ނުވާނަމަ އެކަންކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަންވެސް ހޯއްދަވާނެ ކަމަށެވެ.

"އީސީއަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ މެކޭނިޒަމް ވަނީ ޤާއިމު ކޮށްފައި، ހުށަހެޅޭ ޝަކުވާތަކަށް އީސީ އިން ފިޔަވަޅު އަޅާނެ. އިސްލާހު ނުވާނަމަ އެކަންކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަންވެސް ހޯދާނަން." އީސީގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ޓްވީޓް ކުރައްވާފައިވަނީ، ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލަ، ހުއްދަ ނެތި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަކީ ކުށެއް ކަމަށް ބުނެ ޗަރީފް އިއްޔެ ކުރެއްވި އެހެން ޓްވީޓަކާ އެކުގައެވެ.

މިފަދަ އިންޒާރެއް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްވިއިރު، ޝަރީފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލަ، ހުއްދަ ނެތި ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަކީ ކުށެއް ކަމަށެވެ.

"ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތްތަކުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަ ފަރާތްތަކުން އެ ޕާޓީގެ ހުއްދަ ނެތި ބޭނުންކުރުމަކީ ޤާނޫނީ ކުށެއް. މިކަމަށް ސަމާލުވެލައްވާ." ޝަރީފް އިއްޔެ ވިދާޅުވެފައިވެއެވެ. ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލްހާން ފަޙްމީގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ރީނދޫ ކުލަ ބޭނުންކުރި މައްސަލަ މީސްމީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް