ރާއްޖެއަށް ޕާޓީ ނިޒާމް ގެނައީ މަޖަލަކަށް ނޫން – ރައީސް ނަޝީދު

ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ދިވެހިރާއްޖެއަށް ގެނައީ މަޖަލަކަށް ނޫންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބިލެތްދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ޚަލީމްގެ ކެމްޕޭން ޖަލްސާގައި މިއަދު ހެނދުނު ބިލެތްދޫ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ގެނައީ ރާއްޖޭގެ ރަށްތަށް ތަރައްޤީ ކުރެވޭނީ ހެޔޮ ވެރިކަމެއްގެ ތެރެއިން ކަމަށްވާތީ ކަމަށެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ރާއްޖެ ގެނައީ މަޖަލަކަށް ނޫން، އެއީ ރީތި އެއްޗަކަށް ވާތީކީއެއްވެސް ނޫން. އެ ގެނައީ އެ ނިޒާމަކީ ރަށްރަށުގެ ތަރައްޤީއަށް އަޅުގަނޑުމެން ކޮންމެ މީހެއްގެ ޖީބަށްވެސް ފައިސާކޮޅެއް ވަދެ، ބޯހިޔާވަހިކަމެއް ލިބި، ބަލިވީމަ ބޭސްފަރުވާ ލިބި، ދަރިންނަށް ކިޔަވައިދެވޭނެ ގޮތެއް ހޯދި، މިކަންކަން އަޅިގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ހެޔޮ ވެރިކަމެއްގެ ތެރޭގައިކަން އިންސާނުންގެ ތަޖުރިބާ މާ ސާފުކޮށް އަޅުގަނޑުމެންނަށް ދައްކާފައި ވާތީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ބިލެތްދޫގެ ތަރައްޤީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި، ޖަޒީރާ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެރަށުގައި އެކުލެވޭ ކަމަށެވެ.

"މިހާ އުއްމީދީ ރަށަކަށް ބިލެތްދޫ ވެގެންދާ އެއް ސަބަބަކީ، ޚަލާލު އަމިއްލަ މަސައްކަތުން މަސައްކަތް ކޮށްގެން އެ ފައިސާގައި ތިބާ އާއި ތިބާގެ އާއިލާ އުޅުމަށް ކުރާ މަސައްކަތް އެންމެ ސާފުކޮށް ފެންނަ އެއް ރަށަށް ވުން." ބިލެތްދޫ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ ފާނައިގެ މަސްވެރިކަމަށް ތައުރީފު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

"ފާނައިގެ މަސްވެރިކަމުން ހަފްތާއަކު ގާތްގަނޑަކަށް މިރަށަށް އެއް މިލިއަން ރުފިޔާ އެބަ ވަދޭ. 18 ދޯނި އެބަ މަހަށް ފުރާ، ރަށު ހުރިހާ ރައްޔިތުން އެބަ ފާނައަށް ދޭ. އޭގެން ލިބޭ އާމްދަނީ އިތުރުކުރުން އެއީ އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއް އަސާސް. އެޖެންޑާ 19 ގައި ދައްކާ އެއް ވާހަކައަކީ، ބާނާ މަހަށް ހަމަ އަގު ހޯދައިދޭނަމޭ." ބިލެތްދޫގެ ރައްޔިތުންގެ އުއްމީދުތައް އާކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ބިލެތްދޫ ރައްޔިތުންނާ މުހާޠަބުކޮށް ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 115ރ އަކީ ފާނަ މަސް ކިލޯއެއްގެ ހަމަ އަގު ނޫން ކަމަށާއި، އެޖެންޑާ 19 ގެ ތެރެއިން ރަށު ކައުންސިލް ބާރުވެރި ކުރުވައި، ކައުންސިލް ހިއްސާ ވާގޮތަށް ކުންފުނި އުފައްދައި މަސް ބަންދުކޮށް ސީދާ ބޭރަށް އެކްސްޕޯޓް ކުރުމުގެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

ހަމައެއާއެކު އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރު ދުޗެލީގައި ގެންގޮސް ނިންމަވައިދެއްވާނެ ކަމަށާއި، ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާ ގިތަށް ގެންދެވޭނެކަމުގެ އުއްމީދު ރައީސް ނަޝީދު ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް