ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހުރިހާ ކެންޑީޑޭޓުންގެ މާލީ ބަޔާން ހާމަކުރައްވަން އެމްޑީޕީން ނިންމައިފިއެވެ.
ދާދި ދެންމެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީން ވިދާޅުވީ، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ޕާޓީއާ ހިއްސާ ކުރުމަށް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެމްޑީޕީގެ ހުރިހާ ކެންޑީޑޭޓުންނަށް މާލީ ބަޔާން ހުށަހަޅާނެ ފޯމެޓެއް ހިއްސާ ކޮށްފައި. އެހެންކަމުން އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް އިލްތިމާސް ކޮށްފައިވާނީ 14 ފެބުރުވަރީ ވާ ބުރާސްފަތި ދުވަހުގެރޭ 08:00 ގެ ކުރިން އެބޭފުޅުންގެ މާލީ ބަޔާން ހިއްސާ ކުރެއްވުމަށް." އެމްޑީޕީން ވިދާޅުވިއެވެ.
އެމްޑީޕީން ވިދާޅުވީ، ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ޝާއިއު ކުރައްވާނެ ކަމަށެވެ.
"ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަން ނިންމީ، ކެންޑިޑޭޓުންނަށް މިހާރު އޮތް އިތުބާރު އިތުރުކުރުމަށާއި، ހުރިހާ ކަމެއްވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް." އެމްޑީޕީން ވިދާޅުވިއެވެ.
އެމްޑީޕީން އިތުރަށް ވިދާޅުވީ، އެ ޕާޓީގެ އަމާޒަކީ މި ކެމްޕެއިންގެ އަދި ކެންޑިޑޭޓުންގެ ހުރިހާ ކަމެއްވެސް ވީހާވެސް ދެފުށް ފެންނަ، ސީދާ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް އެމްޑީޕީން ވަނީ ކުރިމަތިލައްވާފައެވެ.