މެލޭޝިއާގައި ކުރިޔަށްދިޔަ މެލޭޝިއާ ޓީ20 ޓްރައި ސީރީސް ކްރިކެޓް މުބާރާތުގެ ސިލްވާ މެޑަލް ހޯދި ގައުމީ ކްރިކެޓް ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ކްރިކެޓް ޓީމު ރާއްޖެ އައުމުން އެއާޕޯޓުން ޓީމަށް މަރުހަބާ ކިޔާފައިވަނީ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) އާއި ކްރިކެޓު ބޯޑުގެ އިސްވެރިންގެ އިތުރުން ކުޅުންތެރިންގެ އާއިލާގެ މެމްބަރުންނެވެ.
ރާއްޖެ ސިލްވާ މެޑަލް ހޯދާފައިވަނީ ތިން ޕޮއިންޓާއެކުގައެވެ. އެއްވަނަ ހޯދި މެލޭޝިއާ އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން 7 ޕޮއިންޓާއެކުގައެވެ. މިއީ އައިސީސީގެ ގްލޯބަލް ރޭންކިން މުބާރާތަކުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެއީ ރޭންކިންގައި ރާއްޖެއަށްވުރެ ކުރީގައި އޮތް ތައިލޭންޑް ބަލިކުރެވުމުންނެވެ
މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ފުރަތަމަ މެޗުން ތައިލޭންޑު ބަލިކޮށްފައެވެ. މި މޮޅަކީ އައިސީސީ ގްލޯބަލް ރޭންކިން ޓީ ޓްވެންޓީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. ތިން ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއާއި މެލޭޝިއާ ބައްދަލުކުރި ދެވަނަ މެޗު ނުނިމެނީސް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ވަނީ ދެ ޓީމު މެދުގައި ޕޮއިންޓް ބަހާލާފައެވެ.
މި މުބާރާތުގައި ވާދަކުރި މެލޭޝިއާގެ ރޭންކަކީ 33 އެވެ. އަދި ތައިލޭންޑުގެ ރޭންކަކީ 55 އެވެ. ރާއްޖޭގެ ރޭންކަކީ 72 އެވެ. މިއީ އޭޝިއާ ބައްރުގައި ބޭއްވި ފުރަތަމަ ޓްރައި ސީރިޒް އެވެ.




