އިޓާލިއަން ސީރީއާގައި ރޭ ސަސޯލޯ އަދި ޖުވެންޓަސް ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުވެންޓަސްއިން ވާދަވެރި ނަޕޯލީއާއި ދެމެދުއޮތް ފަރަނގު 11 ޕޮއިންޓަށް ބޮޑުކޮށްފިއެވެ. 63 ޕޮއިންޓާއެކު ޖުވެންޓަސް ތާވަލްގެ އެއްވަނައިގައި އޮތްއިރު ނަޕޯލީ ދެވަނައިގައިއޮތީ 52 ޕޮއިންޓާއެކުގައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ ޖުވެންޓަސް ޖަހައިދިން 20 ވަނަ ލަނޑުފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނަޓްގައި ކަދީރާ ޖަހައިދިނީ ރޮނާލްގެ ހޫނު ހަމަލާއެއް ސަސޯލޯގެ ކީޕަރު ދިފާއުކޮށް އެބޯޅަ ޕެނަލްޓީ އޭރިއާއަށް ވެއްޓުނު ވަގުތުއެވެ. މެޗުގެ ދެވަނަ ލަނޑު ރޮނާލްޑޯގެ ބޮލުންޖަހަދިންއިރު މިލަނޑު ޖަހައިދިނީ މެޗުގެ 70 ވަނަ މިނަޓްގައި ލިބުނު ކޯނަރަކުންނެވެ. މެޗުގެ 86 ވަނަ މިނަޓްގައި ޖުވެންޓަސްގެ ތިންވަނަ ލަނޑު ލިވަރޕޫލްގެ ކުރީގެ ކުޅުންތެރިއާ އެމްރެ ޗޭން ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ލިބުނު ފުރަތަމަ ބޯޅައިންނެވެ.
18 ލަނޑާއިއެކު ސީރީއާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ މިވަގުތު ހުރިއިރު، ޖުވެންޓަސްއަށް މިހާތަނަށް ކުޅެދިން 31 މެޗުން ޖުމްލަ 20 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
އެންމެ ފަހުން ކުޅުނު 23 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެ، 3 މެޗުން އެއްވަރުވެފައިވާ، ޖުވެންޓަސް މިހާރުހުރީ އެމީހުން ޖައްސަ ޖައްސައިގެން ނަގާ 8 ވަނަ ސީރީއާ ތައްޓާދިމާލަށެވެ.



