އަންނަ އޭޕްރިލް މަހު ބެއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ވޯޓަރސް ލިސްޓަށް 1256 ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ވޯޓަރސް ލިސްޓަށް ގިނައިން ހުށަހެޅިފައިވަނީ ވޯޓުލާ އެޑްރެސް ބަދަލުވުމާއި، ދާއިރާ ބަދަލުވުމުގެ ޝަކުވާތައް ކަމަށާއި، މުޅި ޖުމްލަ 1256 ޝަކުވާ ލިބިފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ، އެޑްރެސް ބަދަލުވުމުގެ މައްސަލަތައް ޑީއެންއާރާ ގުޅިގެން ބަލަމުން އަންނަ ކަމަށާއި، ޝަކުވާތައް ހައްލުކޮށް، މިމަހުގެ 15 ވަނަ ދުވަހު އަލުން ވޯޓާސް ލިސްޓު އާންމު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އަލުން ވޯޓާސް ލިސްޓް އާއްމު ކުރެއްވުމަށްފަހު އިސްލާހުތަކަށް ޝަކުވާ ހުށަހަޅަން 10 ދުވަހުގެ ފުރުޞަތެއް ލިބިގެންދާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވާއިރު، މިހާތަނަށް 88 ކެންޑިޑޭޓަކު އިލެކްޝަނަށް ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންވެސް ހިމެނެއެވެ.
އެޕްރީލް ހަވަނަ ދުވަހު މަޖިލިސް އިންތީޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް، އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.