ލޯކަލް ޓުއަރިޒަމް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓް ކުރުމަށްޓަކައި އޮރްކާ މީޑިއާ ގުރޫޕުން މިއަދު މެގެޒިން އެއް ނެރެފިއެވެ.
މި މެގަޒިން ނެރެދެއްވީ މިކަމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިޔާތެއްގައި އެމްއެމްޕީއާރުސީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.
މައުލޫމާތު ލިބޭގޮތުގައި މިއަދު ނެރުނު މެގަޒިންގައި ރާއްޖޭގެ 100 ވަރަކަށް ގެސްޓް ހައުސް އާއި ބެހޭ މައުލޫމާތު އަދި ފީޗަރ ހިމެނެއެވެ. މި މެގަޒިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޕްރޮމޯޝަނަލް މެޓީރިއަލްއެއްގެ ގޮތުގައި, އޮރްކާ މީޑިއާ ގުރޫޕުގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފެއާތަކުގައެވެ.
މި މެގެޒިންއާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އޮރްކާ ގްރޫޕުގެ މެނޭޖަރ އަހުމަދު ނަސީރު ވިދާޅުވީ މިއީ ލޯކަލް އައިލެންޑް ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އެކުލަވާލެވުނު މެގެޒިން އެއް ކަމަށެވެ.



