ފޮޓޯ: ސަން އޮންލައިން

ކާށިދޫ ސްކޫލުގެ އާ އިމާރާތް 35 މިލިއަން ރުފިޔާއަށް އަޅަނީ

ކާށިދޫ ސްކޫލުގައި އާ އިމާރާތެއް އެޅުމަށް 35 މިލިއަން ރުފިޔާއަށް ރާއްޖޭގެ ކުންފުންޏެއް ކަަމަށްވާ ޑަބްލިއު އެންޑް އޭ އޯވާސީޒް ޕީޓީއީ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

ކާށިދޫ ސްކޫލުގައި އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރެއްވިއިރު ޑަބްލިއު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިނގް ޑިރެކްޓަރ އަޖުހަދު އަބްދުﷲ ޒުހައިރުއެވެ.

މި އެއްބަސްވުމުގެ ދަށުން ކާށިދޫ ސްކޫލުގައި 16 ކްލާސްރޫމްއާއި، އެއް މަލްޓި ޕާޕޯސް ހޯލްއަކާއި އެއް އިލެކްޓްރިކް ރޫމްއާއި ދެ ޗޭންޖިން ރޫމް އަދި 25 ފާހާނާ އެޅުން ހިމެނޭއިރު، އޭގެ އިތުރުން 10 ސްޓޯރޫމްއާއި ތިން ރޭމްޕް ހެދުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

އެއްބަސްބުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލި ވިދާޅުވީ އެ ސްކޫލްއަކީ ތަފާތުގޮތަކަށް ޑިޒައިން ކޮށްފައިވާ ސްކޫލެއްކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހަގޮތަށް އަޅުގަނޑުމެން ސްކޫލް ޑިޒައިންކޮށްފައި މިވަނީ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްފައިވާ ދެ އެކްސަސިބަލް ޓޮއިލެޓް ހުންނާނެ ސްކޫލުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ކާށިދޫ ސްކޫލުގައި މިވަގުތު ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދެމުންދާއިރު، މިވަގުތު 478 ދަރިވަރުން ދަނީ އެ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ