1986 ވަނަ އަހަރު ހުއްޓާލި ބޮޑުމަހުގެ ވިޔަފާރި، ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި ޖަޕާނުން އަނެއްކާވެސް ފަށައިފިއެވެ.
އިންޓަނޭޝަނަލް ވޭލިން ކޮމިޝަން (އައި.ޑަބްލިޔު.ސީ) އިން ވަކިވުމަށް ޖަޕާނުން ނިންމާފައިވާއިރު، މި އަހަރު ޖުލައި މަހުން ފެށިގެން ބޮޑުމަސް ބާނަން ފަށާނެ ކަމަށް މިދިޔައަހަރުގެ ޑިސެމްބަރު މަހު ޖަޕާނުން އޮތީ އިއުލާނު ކޮށްފައެވެ.
އެއާއެކު އިއްޔެ (2019 ޖުލައި 1) ޖަޕާނުން ވަނީ 227 ބޮޑުމަސް ހިފުމުގެ ހުއްދަދީ ފުރަތަމަ އުޅަނދު މަހަށް ފުރުވާފައެވެ. އެޤައުމުން ބުނެފައިވަނީ ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ބާނާނީ ހަމައެކަނި އެ ގައުމުގެ ކަނޑުގެ ސަރަހައްދުން އެކަނި ކަމަށެވެ.

ޖަޕާނުން ވިޔަފާރު އުޞޫލުން ބޮޑުމަސް ބާނަން ފެށިއިރު، ވަރލްޑް ވައިލްޑްލައިފް ފަންޑުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ދިރިއުޅޭ އެންމެ ބޮޑެތި ބޮޑުމަހުގެ 13 ބާވަތުގެ ތެރެއިން 6 ބާވާތަކީ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ. ނަމަވެސް ޖަޕާނު ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ ބޮޑު މަހުގެ ގިނަ ބާވަތްތަކަކީ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެއް ނޫން ކަމަށެވެ.
ޖަޕާނުން ބުނެފައިވަނީ އެ މީހުން މަސް ބޭނީ ލިބިފައިވާ ކޯޓާގައިވާ 333 ބޮޑު މަހުގެ އަދަދަށް ކަމަށެވެ.