މައުމޫންގެ ހަތަރު ބޭފުޅުން ކަމުގައިވާ ދުންޔާ، ޔުމްނާ، ފާރިސް، އަދި ޣައްސާންގެ ނަމުގައި މާލޭގައި އޮތް ގޯއްޗެއްގައި އާރުސީސީ މެދުވެރިކޮށް ހެދި އިމާރާތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެބޭފުޅުން ފައިސާ ދައްކައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މައުމޫން ހަތަރު ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ވަނީ މިއަދު ސިވިލް ކޯޓަށް ދައްކާފައެވެ.
ސިވިލް ކޯޓުގެ ހުކުމް ޤައްސާން މަޢުމޫން ފަރާތުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުއްވި ނަމަވެސް، މައްސަލައިގެ ޝަރީއަތް އޮތް ދުވަހު ވަކީލުން ކޯޓަށް ހާޒިރު ނުވެގެން އެ މައްސަލަ ވަނީ މިދިޔަ ހަފުތާގައި ހައިކޯޓުން ބޭރުކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި، އެ ބޭފުޅުން ކޯޓަށް ފައިސާ ދެއްކީ، އެ ފައިސާ އަކީ އެ ބޭފުޅުން ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލު ކުރައްވާތީއެއް ނޫނެވެ. ނަމަވެސް މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލު ކުރެވޭތީ ފައިސޭ ދެއްކެވީ ކަމަށް މަޢުލޫމާތު އެނގިހުރި ފަރާތަކުން ވިދާޅުވިއެވެ.
މަޢުމޫންގެ ބޭފުޅުންގެ ދަރަނި ހަލާސްކުރެއްވިއިރު، މަޢުމޫން ވަނީ އެމްއާރުއެމްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައެވެ.