ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ހުށައެޅި 86 ކެންޑިޑޭޓުންގެ ފޯމު ތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް 10 ކެންޑިޑޭޓުންގެ ފޯމު އަނެއްކާވެސް ހުށައެޅުމަށް އެމްޑީޕީން މަސައްކަތްކުރަމުން އެބަދައެވެ.
އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ހުށައެޅި ފޯމުތަކުގެ ތެރެއިން 76 އިލެކްޝަން ކޮމިޝަނުން ފޯމު ބަލައިގަނެފައިވާއިރު، ބާކީ 10 ފޯމު ބަލައިގަނެފައި ނުވަނީ ހުށައަޅަންޖެހޭ ބައެއް މައުލޫމާތު ފުރިހަމަނުވާތީ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
މަޖިލިސް ކެމްޕޭނުގެ އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ބަލައިގެނެފައިނުވާ ފޯމުތަކުގައި ފުރިހަމަނުވާ މައުލޫމާތު ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެންމެ ލަސްވެގެން އެ ފޯމްތައް މާދަމާ އިލެކްޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވީހާވެސް އަވަހަކަށް، މައުލޫމާތުތައް ފުރިހަމަ ވެއްޖެނަމަ މިއަދުވެސް ހުށަހަޅާނަން. އެންމެ ލަސްވެގެން މާދަމާއަށް މި ބަލަނީ ފޯމްތައް ހުށަހެޅޭނެ ކަމަށް" އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ލަތީފް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބު 2019 ވާދަކުރެއްވުމަށް އެމްޑީޕީ ފިޔަވާ އެހެން އެއްވެސް ޕާޓީއަކުން އިލެކްޝަން ކޮމިޝަނަށް ފޯމު ހުށައަޅާފައިނުވާއިރު، ފޯމު ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ.



