ސިޔސީ ޕާޓީތަކުގެ ޕްރައިމަރީގައި ޥާދަކޮށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤު ހޯދުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
މި ހައްޤު ހޯދުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް، ދުސްތޫރީ މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޞޯލިޙްގެ ސްޕެޝަލް އެންވޯއީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، ޔޮޓް ޓުއަރސްގެ ޗެއަރމަން ޢަބްދުﷲ ޖާބިރެވެ.
މިކަން ކަށަވަރު ކޮށްދެއްވައި ޖާބިރު ވިދާޅުވީ، ޤާނޫނު އަސާސީއާ ޚިލާފު އެމާއްދާ ބާތިލްކުރަން ސްޕްރީމް ކޯޓުގައި އެދެފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތައް ޤާނޫނު އަސާސީގައި ކަޅާއި ހުދުން ވަނީ ލިޔެވިފައި. އޭގެ ބޭރުން ޝަރުތުކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނެތް." ޖާބިރު ވިދާޅުވިއެވެ.
ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަ ކުރެވޭ ގޮތަށް ބަދަލު ކުރުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ޖާބިރު ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވިއިރު، ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ޖާބިރަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ.



