ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅުއްވާނެކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބަށް އެމްޑީޕީން ނިކުނަންނީ "އެޖެންޑާ 19" އާއެކު ކަމަށާއި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށެވެ.
އެޖެންޑާ 19 ގައި ކަނޑައަޅާނެ އެންމެ ކުޑަ އުޖޫރަ. އެއީ އެންމެ ކުޑަމިނުން ދެވޭނެ މިންވަރު، އިރާދަ ކުރެއްވިއްޔާ އެޖެންޑާ 19 ގައި ކަނޑައެޅޭނެ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރުގައި، ދިވެހިންނެކޭ އެއްގޮތަށް ބޭރު މީހުނަށްވެސް އެ އުޖޫރަ ދިނުމުގެ ވަރަށް މުހިންމު ބޭނުމެއް އެބައޮތް ކަމަށެވެ.
"އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރުގައި، ބޭރު މީހުނަށްވެސް އެ އުޖޫރަ ދިނުމުގެ ވަރަށް ބޮޑު ބޭނުމެއް އެބަވޭ. ބޭރު މީހުނަށް މި އުޖޫރަ ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ މިރާއްޖޭގައި ބޭރު މީހުން ގެނެސްގެން މަސައްކަތް މި ކުރުވަނީ ހަމަ އެއްވެސް ސަބަބެއް އޮވެގެނެއް ނޫން. އެމީހުން އިންތިހާއަށް އަގުހެޔޮ ވާތީ، ދިވެހިންނަށްވެސް މާ ބޮޑަށް އަގުހެޔޮ ވަނީ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ކުޑަ މުސާރައެއް ދީގެން، ބިދޭސީން ގެންގުޅެނީވެސް މާ ނިކަމެތިކޮށް ކަމަށާއި، އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައްވެސް ބަހައްޓާފައި ހުންނަނީ އެހާ ނުތަނަވަސްކޮށް ކަމަށެވެ.
"އެހެންވީމާ އަޅުން ގެންގުޅުމެކޭ އެއްވަރުގައި ގާތްގަނޑަކަށް އެމީހުން އެ ގެންގުޅެނީ. ވީމާ އެމީހުންގެ އަގު ހެޔޮވަނީ. އަޅުން ގެނެސްގެން މިރާއްޖޭގެ މަސައްކަތްތައް ކުރުވޭ ގޮތަކަށް ކަންތައްތައް ރޭވިފައި އޮތީމާ، ދެން މިނިވަނުން ލައްވާ ކުރެވޭނެ މަސައްކަތެއް ނޯންނާނެ ނޫންތޯ!" ރާއްޖެއަށް ދިމާވެފައިވާ ބޮޑު އިޖުތިމާއީ އަދި އިޤްތިޞާދީ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ، އަޅުންނަށް އޮތް މަސައްކަތް ހުއްޓާ ރާއްޖޭގެ ރައްޔިތުން ނުވަތަ މިނިވަނުން ލައްވާ މީހަކު މަސައްކަތެއް ނުކުރުވާނެ ކަމަށާއި، ރިވެތި އިސްލާމީ އުޞޫލުގެ މަތިން މިރާއްޖޭއިން އަޅުވެތިކަން ނައްތާލަންޖެހޭ ކަމަށެވެ.



