ރާއްޖޭގެ 17 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް، އަށް ރަށެއްގެ މަގު ހަދައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
ސަރުކާރުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރުމަށް ނިންމައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިވަނީ، ހއ. އުލިގަމާއި، ހދ.ނޮޅިވަރަމާއި، ހދ. ކުރިނބި އާއި ށ. މަރޮއްޓާއި، ށ.ކޮމަންޑޫ އާއި ށ.ކަނޑިތީމު އަދި ށ.ފޯކައިދޫއެވެ. އަދި ނ.ކެނދިކުޅުދުއާއި ރ.އަލިފުއްޓާއި ރ.އަނގޮޅިތީމާއި، ރ.ވާދޫއާއި ރ.ރަސްގެތީމުގެ އިތުރުން ތ.ވަންދޫ އާއި ތ. ކަނޑޫދޫގެ އިތުރުން ބ.ހިތާދޫ އާއި ތ.ކިނބިދޫ އަދި ގއ.ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާ ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އެ މިނިސްޓްރީން އިއުލާން ކޮށްފައިވެއެވެ.
މީގެ އިތުރުން ހދ.ހަނިމާދޫ އާއި ރ.އުނގޫފާރާއި ރ.ދުވާފަރާއި ބ.އޭދަފުއްޓާއި ތ.މަޑިފުއްޓާއި ލ.ފޮނަދޫގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ވެސް ފިނޭންސުން ވަނީ އިއުލާނުކޮށްފައެވެ.
ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާއިރު، ބިން ހިއްކުމާއި މަގުތައް ހެދުމުގެ 51 މަޝްރޫއަކަށް 5.59 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓް ކޮށްފައިވެއެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ގޮތުގައި 315 މަޝްރޫއު އާއި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.




