ކޮޕާ އެމެރިކާ ސެމީ ފައިނަލްގައި އެންމެ ފަހު ދެއަހަރުގެ ޗެމްޕިއަން ޗިލީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ޕެރޫ ދަތުރުކޮށްފިއެވެ.
ޕެރޫ މިމެޗުކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުން ޗިލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޕެރޫގެ ފުރަތަމަ ދެލަނޑު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު ވަގުތުކޮޅުގައެވެ.
ޕެރޫގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނަޓްގައި ޖަހައި ޕެރޫއަށް ލީޑުނަގައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 20 އެޑިސަން ފްލޯރެސްއެވެ. އޭގެ 17 މިނަޓްފަހުން ޕެރޫއިން އިތުރު ލަނޑެއްޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޯޝިމާރު ޔޮޓުންއެވެ. އަދި ޕެރޫގެ ތިންވަނަ ލަނޑު މެޗުގެ 91 ވަނަ މިނަޓްގައި ފެނިގެން ދިޔައިރު މިލަނޑު އެޓީމަށް ކެޕްޓަން ޕައޮލޯ ގަރޭރޯ ކާމިޔާބުކޮށްދިނީ ޗިލީގެ ކީޕަރު ގަބްރިއަލް އަރިއާސް ކައިރިން ނައްޓާލުމަށް ފަހުގައެވެ.

މެޗުގައި ޗިލީގެ ފަރާތުން ނުރައްކާތެރި އެތައް ހަމަލާތަކެއްވަނި ފެނިގެން ގޮސްފައެވެ. ނަމަވެސް ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސޭގެ މޮޅު ކުޅުމާއެކު ޗިލީއަށް ސުން ކަނޑުވާލެވޭގޮތްވެސްވަނީ ނުވެފައެވެ.
ޗިލީ ސުންކަނޑުވަން ލިބުނު އެންމެ ހުސް ފުރުޞަތު ލިބިގެންދިޔައީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް ވާގާސް ފޮނުވާލި މިޕެނަލްޓީވެސްވަނީ ގަލޭސޭ ދިފާޢުކޮށްފައެވެ.

މިމުބާރާތުގެ ފައިނަލްގައި ޕެރޫ އެންމެފަހުން ކުޅެފައިވަނީ މީގެ 44 އަހަރު ކުރިންނެވެ.
ޕެރޫވަނީ ދެފަހަރެއްގެ މަތިން މިމުބާރާތުގެ ތަށި ހޯދާފައެވެ. އެންމެފަހުން މިމުބާރާތް ޕެރޫ ކާމިޔާބުކޮށްފައިވަނީ 1975 ވަނަ އަހަރުއެވެ.
މިމުބާރާތުގެ ފައިނަލްގައި ޕެރޫ ނުކުންނާނީ މުބާރާތް ބާއްވާ ބްރެޒިލާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 01:00 ގައެވެ. ގްރޫޕް ސްޓޭޖުގައި ޕެރޫ ވަނީ ބްރެޒިލް އަތުން 5-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.




