ފަތިހުގެ ޝަބްނަމްގެ ތިކިތަކުން މާތަކަށް އުފާވެރިކަން ގެނެސްދީފައިވެއެވެ. ކޮވެލިތަކުގެ ގޮވުމުގެ އަޑުން ރަށުތެރެ ފަޅު ފިލުވަމުން ގެންދިޔައެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެއަށް އަލިކުރަން މާގިނައިރުތަކެއް ނުނަގާނެކަން އަހަންނަށް ޔަގީނެވެ.
އަހަރެންގެ ނަމަކީ ޖަނާންއެވެ. އަހަންނަކީ އުމުރުން އެކާވީސް އަހަރުގެ އަންހެނެކެވެ. ބަލާބެލުމަށް އުމުރުން ސޯޅަ ސަތާރަ އަހަރުގެ ކުއްޖެއްހެން ހީވުމަކީ އަހަރެންގެ ކުށެއް ނޫނެއްނޫންހެއްޔެވެ؟ އަމިއްލައަށް ކިޔާދޭކަމުގައި ވަނީނަމަ ބުނާނީ އަހަންނަކީ މަޑުމައިތިރިކަމަށް ލޯބިކުރާ އަންހެނެކެވެ.
މިއަދަކީ އަހަރުމެންގެ ރަށަށް ވަރަށް ބޮޑު، ވަރަށް ހާއްސަ ދުވަހެކެވެ. މިއަހަރުގެ އީދު ކުޅިވަރު މިފަހަރު ފާހަގަ ކުރަނީ އަހަރުމެންގެ ރަށުގައެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މިފަހަރު އަހަރުމެންގެ ރަށަށް މީހުން އަންނާނެއެވެ. ހުރިހާކަމަކަށް ތައްޔާރުވާން ރޭ ހަތަރުދަމު ރަށުގެ ގިނަ ބަޔަކު ތިބީ ހޭލައެވެ. މެހުމާނުންގެ ކުރިމަތީގައި ރަށުގެ އަގު ހިފަހައްޓަން އެންމެންވެސް ބޭނުންވާނެތާއެވެ.
ބޮޑުފަތިހާ އަހަރެން މިއަދު ހޭލަން ޖެހުނީ މިހުރިހާ ކަމެއްގައި ބައިވެރިވުމަށެވެ. އަހަންނަށް ޖެހިފައި ވަނީ އެންމެ ފޫހި އެއް މަސައްކަތެވެ. ރަށުތެރެ ކުނިކަހާށެވެ. ކިތަންމެ ކުރަން ބޭނުން ނުވިއަސް ކައްކަން އެއްބައިވުމަށް ވުމަށްވުރެ ކުނިކެހުން ވެސް މާ ހިތަށް ފަސޭހަވާނެ ކަމަށް އަހަންނަށް ގަބޫލުކުރެވެއެވެ.
ފޫހިގޮތަކަށް ހުރެ އިލޮށިފަތި ހިފައިން އަހަރެން ނުކުތީ ރަށުގެ ބަނދަރާއި ދިމާއަށެވެ. އަހަންނާއިއެކު އަހަރެންގެ އެކުވެރިން ކަމުގައިވާ އީމާއާއި މިޝްކާވެސް ދިޔައެވެ. އަހަރުމެން ތިންމީހުންނަކީ ކުޑައިރުއްސުރެވެސް އެންމެ އެއްކޮށް އުޅެމުންއަންނަ ތިންމީހުންނެވެ. ކޮންމެ ކަމެއްވެސް އަހަރުމެން ކުރަނީ އެއްކޮށެވެ. ތިންމީހުން އެއްކޮށް ނަރުސްކަން ކިޔެވީވެސް އެކުގައި ރަށު މަރުކަޒުގައި ވަޒީފާ އަދާކުރުމަށެވެ. އަހަރުމެން ތިންމީހުންގެ ތެރެއިން އެންމެ ސިޔާސަކޮށް އުޅޭނީ މިޝްކާއެވެ. މީހުންނާއި ދިމާކޮށް މަލާމާތްކޮށް ހެދިޔަސް ހިތްހެޔޮވާނެއެވެ. ދެން ހުރީ އީމާއެވެ. އީމާއަކީ އެންމެ އަވަހަށް ރުޅިއިސްކުރާ މީހާއެވެ. އެހެން ނަމަވެސް ކަމެއް ޖެހޭ ވަގުތު އެންމެ އެއްކޮށް ހުންނާނެ އެކަކެވެ.
"ދެން އެކަމަކު. ޖަނާން އަށް ނޭނގުނުތަ ކުނިކެހުން ނޫންކަމެއް؟ އެވެސް ނިދިކޮޅު ނަގާލާފަ؟" އީމާ ޝަކުވާ ކުރިއެވެ.
"އީމާ ބޭނުންވަނީ މުސްކުޅިންނާއި އެކު މިއަދު ކައްކަން އުޅެންތަ؟ ހުރިހާ މުސްކުޅިން. ވިސްނާލަބަލަ. އަހަރުމެން ފެންނައިރަށް ކިޔަން ފަށާނެ. އެކޮއި ކޮން އިރަކުތަ މީހަކާ އިންނަނީ؟ މީހަކާ އިންނާކަށް ނުވޭތަ؟ ކަލޭމެން ތިންމީހުން މީހުންނާއި ނީނދެ ތިއްބާ ހަންޓޯޓޯ ވާނެ. މިފަހަރު މިރަށަށް އަންނަ ކުދިން ތެރެއިން ކުއްޖަކު އަތުއަޅުވައިގަނެގެން އިންނަން އުޅޭ. މިހުރިހާ ވާހަކައެއް އަޑުއަހަން އިނދެވޭނެ؟" މިޝްކާ ހެމުން ހެމުން ވާހަކަ ދެއްކިއެވެ.
"ބަލަ އެއޮއް އަންނަނީ ގާދިރުބޭ ބޯޓު. މިއަދުގެ ފުރަތަމަ ބޯޓު. ކޮންރަށެއްގެ ބައެއްބާ އެއައީ. އަހަރެން އަޑުއެހިން އަހަރުމެން ގޭގައި ހުސްކޮށް ހުރި ދެކޮޓަރިއަށްވެސް މީހުން އަންނަ ވާހަކަ. މަންމަ އަހަރެން ލައްވާ އިއްޔެ އެ ކޮޓަރިތަށްވެސް ސާފުކުރި އެހެން ކިޔާފަ." ކުނިކަހަން އޮވެފައި ތެދުވެ ބަނދަރުގައި ޖެއްސި ގާދިރުބެ ބޯޓަށް ބަލަން ފެށީމެވެ.
"މަގޭ ހިތަށް އަރާ މިފަހަރު މިރަށަށް ރީތި ބިޓެއް އަންނަ ނަމައޭ. މިރަށުގައި ނޫޅޭ ބަލާލަން ކެރޭ ކަހަލަ ހޯނެއް މީދަލެއްވެސް." މިޝްކާ ވެސް ގާދިރުބެ ބޯޓަށް ކަޅިހުއްޓައިގެން ހުއްޓެވެ.
"ތިހެން ތިއްބަސް ނުވާނެ. ކުނިކަހާ ނިންމާފައި އަވަހަށް ގެއަށްދާން ހިނގާ. އަދި ޑިއުޓީވެސް އެބަ އޮތެއްނު" އީމާ ހަނދާންކޮއްދިނެވެ. އަހަރުމެންވެސް އަހަރުމެންގެ މަސައްކަތަށް ރުޖޫއަވީއެވެ.
"ޖަނާން ބަލާބަލަ އެހެރަ ކަމެއް. ރީތި ބިޓެއް. އަހަރެން މިވަރަށް ބަލާއިރުވެސް ޖަނާންއަށް އެބަލަނީ. ބަލާބަލަ ނިކަން. ދިގުކަމުން ހީވަނީ ދިގު ރުކެއް ހެން. އަނެއްކާ އެހާ ފިރިހެންވަންތަ. އެހެރަ ސަޅި ހެއަރ ސްޓައިލްއެއް. ޖަނާން ބަލާބަލަ" މިޝްކާ އަހަންނަށް ގޮވާލަމުން ވާހަކަދެއްކިއެވެ. މިޝްކާގެ ލާނެތް ގޮތް އަހަންނަށް އެނގޭތީ އަހަރެން އިސްއުފުލާ ބަލާވެސް ނުލަމެވެ.
"އާނ. އެހެންޏާ. ދިގުކަމުން ރުކެއްހެން ހުރީމަ ކިހާ ރީތިވާނެ. ވައިރޯޅިއެއް ޖެހިލާއިރަށް ދާނީ ބިންދައިގެން ތޯއްޗެއް." އަހަރެން މިޝްކާގެ ސަމާސާގައި ބައިވެރިވެލީމެވެ.
"ނޫނެކޭ ބަލާބަލަ އަސްލަށޭ އެބުނީ. އެސޮރު އެބަލަނީ ހަމަ ޖަނާންއަށޭ." އީމާވެސް ބުނެލިއެވެ. އިސްފުލުލާ އަހަންނަށް ބަލާލެވުނީ އެހެންވެގެންނެވެ.
ތެދެކެވެ. ރީތި ޒުވާނެކެވެ. ގައިމުވެސް އަހަރުމެންގެ ރަށުގައި އުޅޭ ޒުވާނުންނަށްވުރެ އެތައް ގުނައެއް ރީތިވެފައި ފުރިހަމައެވެ. އޭނަ ބަލަން ހުރީ ސީދާ އަހަންނަށެވެ. އަހަރެން އޭނައަށް ބަލާލުމާއި އެކު އޭނަ ހިނިތުންވެލިއެވެ. ބަދަލުގައި އަހަންނަށްވެސް ހިނިތުންވެލެވުނެވެ. ދަބަސް ނަގައި ކޮނޑުގައި އަޅުވައިގެން އޭނަ ހިނގައިގަތީ ރަށުގެ ތެރެއަށެވެ.
"އޮއި އޮއި، ހާދަ ވަރަކަށް ބެލެޔޭ ދޯ. ނޭވާކުރުވެ ހިތް އަވަސްވީތަ؟ ނޫނީ ހިތް އެދިމާލަށް އުދުހިފައި ދިޔައީތަ؟" މިޝްކާ އަހަންނާއި ދިމާކުރަންފެށިއެވެ.
"އެހެންޏާ. ހިތްތެޅޭވަރުން ހީވަނީ މޭ ފަޅާލާފަ އިސާހިތަކު ނުކުމެދާނެހެން. ނޭވާ ކުރުވެގެން ގޮސް އަހަންނަށް ހީވަނީ އަހަރެން އިންހޭލާރވެސް ބޭނުންކުރަންޖެހޭ ވަރުވެއްޖެހެން. ހިތްއުދުހިފަ ދިޔަ ބާރުމިނުގަ އެހެރަ އެކްސިޑެންޓެއް ވީ. އަދި އުޅެފިއެއްނު އަހަންނާ ދިމާކުރަން. އެންމެ ފަހަރަކު މީހަކު އަހަންނާއި ދިމާއަށް ބަލާލިއިރަށް ވަރަށް ވަރުވެއްޖެޔޭ މީނަޔަށް." އަހަރެންވެސް ހެމުން އެމީހުންނާއި ދިމާކުރީމެވެ.
އަހަރެންނަށް ގެއަށް ދެވުނީ ތަންކޮޅެއް ލަސްވިފަހުންނެވެ. ކުނިކަހާނިމިގެން އީމާމެންނާއި އެކު ސަކަރާން ޖަހަން ހުރެވުނީއެވެ. ގަޑިން ވީއިރެއް ބަލަންވެސް ހަނދާން ނެތުނީއެވެ. ޑިއުޓީއަށް ދާ ގަޑިޖެހޭތީ އަހަރެން ގެއަށް ވަދެގެން ދިޔައީ ތަންކޮޅެއް ބާރަށެވެ.
"ޖަނާން. ދަރިފުޅާ ހާދަ ބާރަކަށް. އައިސްބަލަ މިކޮޅަށް. ސައިނުބޮނީތަ؟" މަންމަ ގޮވާލުމުން އަހަރެން ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ބަދިގެއަށް މިސްރާބު ބެހެއްޓީމެވެ.
"ސައިބޯން މަޑުކޮއްފިއްޔާ ޑިއުޓީއަށް ދާން ލަސްވެދާނެ. އެކަމަކު ޖޫސްތައްޓެއް ބޮލަފާނަން." އަހަރެން ގޮސް ހުއްޓުނީ ބަދިގެ ދޮރުމަތީގައެވެ. އޭރު ކާމޭޒު ދޮށުގައި ސައިބޯން އިނީ މީގެ ހިނދުކޮޅެއް ކުރިން ގާދިރުބެ ބޯޓުން ފައިބައިގެން އައި ޒުވާނާއެވެ.
"ދަރިފުޅާ މިއީ ޝައުން. ޝައުން ދުވަސްކޮޅަކަށް ހުންނާނީ މިގޭގައި. ޝައުން އަސްލުގަ އީދުގެ ކުޅިވަރުތައް ބަލާލާށޯ. އެކަމަކު ދެން ދާނީ ދެ މަހެއްވަރު ކޮއްލާފަޔޯ. ދޯ ޝައުން. އާނ، މިހިރީ ދައްތަގެ ދަރިފުޅު ޖަނާން." މަންމަ ހިނިތުންވެލިއެވެ.
އަހަންނަށް ހިތާހިތުން އެނަން ކިޔާލެވުނެވެ. އެނަން އަހަންނަށް ކަމުދިޔައެވެ. ދުރުގައި ހުރެފައި އަހަރެން ޝައުންއަށް ބަލާލީމެވެ. ހަމައެ ވަގުތު މޫނު އަނބުރާވެސް ލެވުނެވެ. ޝައުންވެސް އިނީ އަހަންނަށް ބަލަންކަން އެނގުމުންނެވެ. ކޮންމެވެސް ވަރަކަށް އަހަރެން ލަދުވެސް ގަތެވެ.
ޑިއުޓީ ނިންމާލަފައި އަހަރެން ގެއަށް ދިޔައީ އާދަޔާ ހިލާފަށް އުފަލުން ހުރެއެވެ. އަހަރެންގެ ހިތްއެދި ގޮވަމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް ޝައުން ދެކިލުމަށެވެ. އަހަންނަށް ކުރެވެމުން ދިޔައީ ދުވަހަކުވެސް ކުރިން ކުރެވިފައި ނުވާ ކަހަލަ އިހްސާސްތަކެކެވެ. ނަމަވެސް އަހަންނަށް އެ އިހްސާސްތަށް ކަމުދާ ކަހަލަ ގޮތެއްވިއެވެ.
ގޭތެރެއިން އެންމެ ފުރަތަމަ އިސްވެ އަހަންނާއި ވާހަކަ ދެއްކީ ޝައުންއެވެ. މަންމަގެވެސް ކުރިމަތީގައެވެ. ރަށަށް އާކަމުން ރަށުތެރެ ދައްކާލުމަށް އެދެނީއެވެ. ހުއްދައަށް އެދި އަހަންނަށް ބަލާލެވުނީ މަންމައަށެވެ. މަންމަ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީއެވެ. އަހަރުމެން ދެމީހުންގެ ލޯބީގެ ހަޔާތުގެ ފެށުން އައީ އެހާ ހިސާބުންނޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ދެމީހުން އެއް ހަމައެއްގައި ހިނގާލާފައި ދިޔައިރު ޝައުންގެ އަތް އަހަރެންގެ އަތުގައި ކޭއްތިލައެވެ. ނޭނގޭކަމަށް ހަދައި އަހަރެންވެސް ބައެއް ފަހަރު އަތުން ޝައުންގެ އަތުގައި ޖެހިލަމެވެ. މާގިނަ އިރަކު އަހަންނަށް އެހެން ހަދާކަށް ނުޖެހުނެވެ. ޝައުން މަޑުމަޑުން އަހަރެންގެ އަތުގައި ހިފިއެވެ. އެއީ ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އަހަރެންގެ އަތުގައި ފިރިހެންކުއްޖަ ހިފި ފަހަރެވެ. އަހަރެންގެ ހިތް އެވަގުތު ތެޅިގަތް ބާރުމިނުން ޝައުންއަށްވެސް އެއަޑު އިވޭނެ ކަމަށް އަހަންނަށް ހީވިއެވެ.
"ޖަނާންގެ އަތުގައި އަހަރެން ހިފާލިއްޔާ މައްސަލައެއްތަ އަނެއްކާ؟" އޯގާތެރިކަމާއި އެކު ޝައުން އަހާލިއެވެ.
"ނޫން މައްސަލައެއް ނޫން. އެކަމަކު ޝައުން ކީއްކުރަން އަހަރެންގެ އަތުގައި ހިފަންވީ؟" އަހަރެން އެހެން ބުންޏެއް ކަމަކު އަހަރެންގެ ހިތް ބުނަމުން ދިޔައީ މުޅިން އެހެން ވާހަކައެކެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ ޝައުން އަހަރެންގެ އަތުން ދޫކޮއް ނުލުމަށެވެ. އުމުރު ދުވަހުވެސް އަހަރެންގެ އަތުގައި ހިފާދިނުމަށެވެ.
"އަހަރެންނަށް ޖަނާން ވަރަށް ކަމުދެޔޭ ބުނެއްޖިއްޔާ ދެނޯ؟ އޭރުން އަހަރެން މިއަތުގައި ހިފައިގެން މައްސަލައަކަށް ވާނެތަ؟" ޝައުން ވަރަށް ފަސޭހަކަމާއި އެކު ބުނެލިއެވެ.
"ޝައުންއަށް އަދި އަހަންނަކީ ކާކު ކަމެއްވެސް ނޭނގެއެއްނު؟ އަހަރެންގެ އުޅުމެއްވެސް ނޭނގެއެއްނު؟ އެހާ އަވަހަށް މީހުކު ކަމުދިޔައީ؟" އަހަރެން ސުވާލުކޮއްލީމެވެ.
"އެހެން ވިއްޔާ ބުނެބަލަ. ޖަނާންއަށް އަހަރެންކަމު ނުދޭތަ؟ ގައިމު ޖަނާން އަހަންނަށް ބަލާލާ ގޮތުން އަހަންނަށް ހީވަނީ ޖަނާންއަށް އަހަރެން ވަރަށް ކަމުދާހެން. އަހަންނަށް ޔަގީންކަންވެސް ދޭން ކެރިދާނެ." ޝައުންއަށް ޔަގީންވަނީ ރަނގަޅަށެވެ. އަހަރެންނަށް އޭނަ ވަރަށް ކަމުދެއެވެ.
މިޝްކާއާއި އީމާ ގެއަށް އައުމުން އަހަރެން އެވާހަކަ ދެއްކީ ރަހުމަތްތެރިންގެ އެއްބާރުލުން ހޯދުމައްޓަކައެވެ. ނަމަވެސް އެކަންވީ އަހަންނަށް ވަރަށް އުނދަގޫ ކަމަކަށެވެ.
"ބުނަން ޖަނާން. އަހަރެންނަށް އެނގޭ އަހަރެން ވަރަށް ކިޔަންކަން ބިޓެއް ނަގާށޭ. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ތީ އެހާ ރަނގަޅު ކަމެއްހެން. ޖަނާންއަށް އޭނައާއި ބެހޭގޮތުން އެނގެނީ ކޮން އެއްޗެއް؟ ކިހާ މިންވަރަކަށް؟ އަދި ތަންކޮޅެއް އަވަހެއްނު؟ އަނެއްކާ އެއީ ކާކުތޯ ކިހާވަރެއްގެ މީހެއްތޯވެސް ބަލަންވާނެއެއްނު؟" މިޝްކާއެހާ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ.
"ބަލަ މިޝް. ކޮންމެ މީހަކުވެސް ފުރަތަމަ ފެންނައިރަށް ހުރިހާ ކަމެއް ނޭނގޭނެއެއްނު؟ އެނގެން ވަގުތު ކޮޅެއް ނަގާނެއެއްނު؟ އަހަރެންގެ ހިތެއް ނުބުނޭ އޭނައަކީ ގޯސް މީހެކޭ. ހާދަ ނައިސްކޮށޭ އޭނަ އަހަންނާއި ވާހަކަވެސް ދައްކަނީ. އަނެއްކާ އޭނަ އަހަރެންގެ އަތުގައި ހިފާލި ވަގުތު އަހަންނަށް ނޭނގޭ އަހަރެންނަށް އުފަލުން ހުރެވުނު ތަނެއްވެސް." އަހަރެންގެ އިހްސާސްތަށް ރަހުމަތްތެރިންނަށް ފޯރުކޮއްދެވޭތޯ އަހަރެން މަސައްކަތްކުރީމެވެ.
"އަތުގައި އެހާ އަވަހަށް ހިފީ؟ ތަންކޮޅެއް އަވަހެއް ނޫންތަ؟ ދެން ތިބުނީ އުފަލުން ހުރެވުނު ތަނެއްވެސް ނޭނގުނު ވާހަކަ؟ ކޮންމެ މަހަކު މުސާރަ ޖަމާވީމަ އޭޓީއެމްއަށް ގޮސް އެ ނަގާއިރު އަހަރުމެން ހަމަ ތިހާ އުފާވޭ. ދެން އޭގެ މާނައަކީ އަހަރެން ގޮސް އޭޓީއެމްގައި އޮޅުލައި ގަނެގެން ހުންނާށޭތަ؟ އަދި އަހަރެން ހަމަ އެހާ އުފާވި ދިވެހި ފިލްމީ ތަރިންނާއި އެކު ސެލްފީ ނެގުނު ރޭގަވެސް. ހަމަ ތިބުނި ގޮތަށް އުފަލުން ގޮސް ހުރެވުނު ތަނެއްވެސް ނޭނގުނު. ދެން އަހަރެން ވީ އެމީހުން ގައިގަ ހިފާ އޮޅުލައި ގަނެގެން ހުންނަންތަ؟ އަހަންނަށް އޭޓީއެމް ދެކެވެސް އަދި އެ ހުރިހާ ފަންނާނުން ދެކެވެސް ލޯބިވެވުނީއޭ ބުނަންވީ؟" މިޝްކާ އަނެއްކާވެސް ވާހަކަ ދެއްކީ އަހަންނާއި ދެ ކޮޅަށެވެ.
"އަހަރެން ބުނާނެ ވާހަކައެއް ނެތް. ވިސްނައިގެން އުޅޭތި. މީހެއްގެ ގޮތެއް ނޭނގޭނެ. އެހެން ނޫނަސް އެއީ މާދަންވެސް މިރަށުން ފުރައިގެން ދާން ހުރި މީހެއް. މި ރަށުގައި އުޅޭނީ ޖަނާން. ކަމެއް ވެއްޖިއްޔާ ހިތާމަކުރަން ޖެހޭނީ ޖަނާންއަށް. މިހެން މި ބުނަނީ ޖަނާންއަށް އިތުބާރު ނުކުރާތީއެއް ނޫން. އަހަރުމެން ޖަނާންދެކެ ވަރަށް ލޯބިވޭ. އެހެންވީމަ. އެހެން ނޫނަސް ޖަނާންއަކީވެސް ކުޑަކުއްޖެއް ނޫން." އީމާވެސް ފެށީ އަހަންނަށް ނަސޭހަތްދޭށެވެ.
އަހަންނަށްވެސް އެނގެއެވެ. ކަމެއް ގޯސްވެއްޖިއްޔާ ބަދުނާމު ވާނީ އަހަންނެވެ. މީހުން އެއްޗެހި ކިޔާނީ އަހަންނާއި ދިމާލަށެވެ. މަލާމާތާއި ފުރައްސާރަ ރައްދުވާނީ އަހަރެންގެ އާއިލާއަށެވެ. ނަމަވެސް އެފަދަ ދުވަހެއް ނާންނާނެކަން އަހަންނަށް ޔަގީނެވެ. ސަބަބަކީ ޝައުންއަށް އަހަރެން އިތުބާރު ކުރާތީއެވެ. ވަރަށް ބޮޑަށެވެ.
ކޮންމެ ގޮތެއް ވިޔަސް ދުވަސްތަށް މާޒީއާއި އެކު ވަމުންދިޔައެވެ. ދުވަހަކަށް ވުރެ ދުވަހަކު އަހަންނަށް ޝައުންދެކެ އިތުރަށް ލޯބިވެވެމުން ދިޔައެވެ. އާއިލާއަށް ސިއްރުން ޝައުން ކޮޓަރިއަށް ވަދެ ނުކުންނަމެވެ. މިހެން ބުނުމުން ބުނަން މިއުޅެނީ ކިހިނެއްކަން އެނގޭ ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ އަހަރެން ޖެހިލުންވެސް ވިއެވެ. ފަސްވެސް ޖެހެވުނެވެ. އެހެންނަމަވެސް ޝައުންދެކެ ވާ ލޯތްބެއްގެ ސަބަބުން އަމިއްލަ ނަފްސު ޝައުންއަށް ހަދިޔާ ކުރެވުނީއެވެ. އެއްފަހަރު ދެފަހަރަށްވެ އިތުރު ވަމުންދިޔައެވެ. ޝައުން އަހަންނާއި ކައިވެނި ކުރަން ހުރީ ތައްޔާރަށެވެ. އެހެން ކަމުން މައްސަލައެއް ނެތެންނޫން ހެއްޔެވެ؟
ޝައުންއާއި ގާތްވަމުން ދިޔަ ވަރަކަށް އަހަރެން ދިޔައީ އަހަރެންގެ ރަހުމަތްތެރިންނާއި ދުރުވަމުންނެވެ. ގިނަ ފަހަރަށް އެމީހުން ގުޅިއަސް އަހަރެން ފޯނެއްވެސް ނުނަގަމެވެ. ވަޒީފާއަށްވެސް މަކަރުހަދަން ފެށުނެވެ. މަންމައަށްވެސް އެކަންތައް ފާހަގަ ވެގެން ކިތަންމެ ފަހަރަކު އަހައެވެ. އަހާ ކޮންމެ ފަހަރަކު އަހަރެން ބުނަނީ މާ ގަދަޔަށް ބޮލުގައި ރިއްސަނީ ކަމަށެވެ.
މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ޝައުންގެ މޭމަތީގައި ބޯއަޅާލައިގެންނެވެ. ޝައުން އޮތީ އަހަރެންގެ އިސްތަށިގަނޑާއި ކުޅޭށެވެ.
ނުނިމޭ
2 Responses
Vr reethi story.. nunimi oiy baives Kiya hithun keiy madhuvehje…vr vr salhi
Hey dhen anehbai annaani konira