ޤައުމީ ފުޓްސަލް ޓީމެއް އޮންނަކަމެއް ނޭނގޭ – މިނިސްޓަރ

ދިވެހިރާއްޖޭގައި ޤައުމީ ފުޓްސަލް ޓީމެއް އޮންނަކަން އެނގިވަޑައި ނުގަންނަވާކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވެފައިވަނީ، ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް މުސާރަ ނުދޭ ކަމަށާއި، އެ ޓީމުގެ ފަރާތުން މިނިސްޓަރާ ބައްދަލުކުރައްވަން ކުރެއްވި މަސައްކަތް ކާމިޔާބު ވެފައި ނުވާކަމަށްބުނެ ކުރާ ޝަކުވާތަކާ ގުޅެގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަޙްލޫފް ވިދާޅުވީ، ދިވެހިރާއްޖޭގައި ފުޓްސަލް ދަނޑެއްވެސް ނެތް ކަމަށާއި، ފުޓްސަލް ދަނޑޭ ކިޔައިގެން އަޅައިގެން އުޅެނީ މިނީ ޓަރފް ދަނޑުތަކެއް ކަމަށެވެ.

"އެއްކަމަކަށް އަޅުގަނޑަކަށް ނޭނގޭ ނެޝަނަލް ފުޓްސަލް ޓީމެއް އޮންނަ ކަމެއްވެސް، އެއީ ފުޓްސަލް ނެޝަނަލް ޓީމެއް އޮންނަ ކަމަށްވާނަމަ އެކަމެއް ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނާ ހިއްޞާކޮށް، އެ ހުރިހާ ކަމެއް ކުރަންޖެހޭނެ ބަޔަކީ އެފްއޭއެމް ދެއްތޯ." މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، އެކަހަލަ އެއްވެސް މަޝްވަރާއެއް އެފްއޭއެމް އިން މިނިސްޓަރީއާ ކުރައްވާފައިވެސް ނުވާ ކަމަށެވެ.

"އެކަހަލަ އެއްވެސް މަޝްވަރާއެއް އަޅުގަނޑުމެންނާ ކުރެވިފައެއް ނެތް، އެހެންވީމަ މިފަދަ މައްސަލައެއް އަޅުގަނޑުމެންނާ ހަމައަށް އައިސްފި ކަމަށްވާނަމަ އެކަމެއް ރަނގަޅަށް ބަލާފައި އެއީ ކިހިނެތް ކުރެވެން އޮތް ކަމެއްތޯ ބަލާފަ އިރާދަކުރެއްވިއްޔާ އޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކުރާނަން." މަޙްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްސަލް ޓީމެއް ރާއްޖޭން ބޭރަށް ދާއިރު، ފުރަތަމަ ކަމަކަށް އެ ޓީމު ކުޅޭނެ ރަނގަޅު ފެންވަރެއްގެ ދަނޑެއް ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމް

"ފުރަތަމަ ކަމަކަށް ބޭރަށް ޤައުމީ ޓީމެއް ދާއިރު އެ ޤައުމީ ޓީމު ކުޅެން ފުރަތަމަ އޮންނަން ޖެހޭނެ ރާއްޖޭގައި ރަނގަޅު ދަނޑެއްވެސް. ދިވެހިރާއްޖޭގައި ނެތް ފުޓްސަލް ދަނޑެއްވެސް، ފުޓްސަލްއޭ ކިޔާފައި ރަށްރަށުގައި އަޅައިގެން މިއުޅެނީވެސް މިނީ ޓަރފް ދަނޑުތަކެއް. އަޅުގަނޑަށްވެސް ފެނޭ ޓްވިޓަރ އިން ދޭތެރެއަކުން ތަންކޮޅެއް ހީވަނީ ޖެއްސުމެއް ކަހަލަ ކަމެއް ހެން ހުންނާނީވެސް، އޭގެ ސީރިއަސް ކަމެއްވެސް މާބޮޑަށް ނުހުރޭ." މަޙްލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި ޤައުމީ ފުޓްސަލް ޓީމެއް އޮންނަކަން މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، ޤައުމީ ފުޓްސަލް ޓީމުގެ ގޮތުގައި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ރާއްޖެ ތަމްސީލުކޮށް ކުޅޭ ޓީމެއް އޮވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް